މަޖިލީހުގައި ގެދޮރުވެރިކަމާބެހޭ ކޮމިޓީއެއް އުފައްދަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް: ގެދިރުވެރިކަމާބެހޭ ކޮމިޓީއެއް މަޖިލީހުގައި އުފެއްދުމަށް ޕީއެންސީން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ގެދޮރުވެރިކަމާބެހޭ ކޮމިޓީއެއް އުފެއްދުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ބޭނުންވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު، އަޙުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާބެހޭ ބައެއް ކަންތައްތަކުގެ މެންޑޭޓު، މަޖިލީހުގެ އެހެނިހެން ކޮމިޓީތަކުގައި އޮތް ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި އެ ކޮމިޓީ ތަޢާރަފު ނުކުރެވުނީ، ކޮމިޓީތަކުގެ މެންޑޭޓު ބަދަލު ކުރާނެ ވަގުތު ނެތުމުން ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އަލަށް އުފައްދާ ގެދޮރުވެރިކަމާބެހޭ ކޮމިޓީ ވުޖޫދު ކުރެވޭނެ ކަމަށް ބެލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

"އާންމު ކޮމިޓީގެ ފަރާތުން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުގެ ތެރޭގައި ޖޫން މަސް ނިމެންވާ އިރަށް އެ ކޮމިޓީ ވެސް ވުޖޫދަށް ގެނެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ މަޖިލީހުގެ ގަވާއިދާ އެއްކޮށް،" ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް އާންމު ކޮމިޓީއަށް މިއަދު ވަނީ ހަވާލުކޮށްފައެވެ.

އެހެން ނަމަވެސް މިއަދު އޮތް މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކޮމިޓީތަކަށް މުގައްރިރުންނާއި މެމްބަރުން އައްޔަނު ކޮށްފައެއް ނުވެއެވެ. އެ މަސައްކަތް އަންނަ އާދިއްތަ ދުވަހަށް ނިންމާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވަނީ މިއަދު ވިދާޅުވެފައެވެ.

https://sun.mv/192550

ވިހިވަނަ ރައްޔިތުންގެ މަޖިލިސް -- ފޮޓޯ/ މަޖިލިސް

ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާބެހޭ ކޮމިޓީއެއްގެ ދަށަށް ބޯހިޔާވަހިކަމުގެ މައްސަލަތައް ގެނައުމަކީ، އެ މައްސަލަތައް ހައްލު ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ގެދޮރުވެރިކަމާބެހޭ ކަންކަން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ވެސް ހިމެނެއެވެ. އެ ގޮތުން ހިޔާ ފްލެޓާއި ގުޅޭ ބައެއް މައްސަލަތައް ވެސް އެ ކޮމިޓީން މިދިޔަ މަޖިލިސް ދައުރުގެ ތެރޭގައި ބެލިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ދައުރުގައި ގެދޮރުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުން ގައުމުގެ މިނިވަންކަމާ ގުޅުންހުރި ކަންކަމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ގޯތީގެ ދަތިކަން ހައްލުކުރުމަށް ކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ރައީސް ވަނީ، މިހާރު އިދިކޮޅުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ބޯހިޔާވަހިކަމާ ގުޅުން ހުރި މަޝްރޫއުތަކަކަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަށް، މިއަހަރަށް އެކުލަވާލި ބަޖެޓުގައި ހިމަނަން އެ މަނިކުފާނު އެދިވަޑައިގަތް ފައިސާ އުނިކުރިކަން ރައީސް ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް