ޖޫން 2ގެ ކުރިން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާނަން: ފަލާހް

ޕީއެންސީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޖޫން މަހު މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާނެ ކަމަށް ފަލާހް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މުގައްރިރުންނާއި މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހަށް ނިންމާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މިއަދު މެންބަރުން ވަނީ ހުވާކުރައްވައިފައެވެ.

މި ޖަލްސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޮމިޓީތަކަށް މުގައްރިރުން އައްޔަން ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި ފަލާހު ވިދާޅުވީ، އަދި ކޮމިޓީތަކަށް އައްޔަން ކުރާ މުގައްރިރުންނާއި މެމްބަރުން ނުނިންމާ ކަމަށެވެ. ނަމަވެސް އެކަމުގެ މަޝްވަރާތައް މިހާރު ވެސް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގައި މި ނިންމީ ޖޫން ދޭއްގެ ކުރިން ކޮމިޓީތަކަށް މެމްބަރުން އައްޔަންކޮށް ނިންމަން،" ފަލާހު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި ވާއިރު، އިއްޔެ ޕީއެންސީގެ ޕީޖީން ބޭއްވި ބައްދަލުވުމެއްގައި ބައެއް ކޮމިޓީތަކުގެ މުގައްރިރުކަމަށް މެމްބަރުން އައްޔަން ކުރަން މަޝްވަރާ ކުރިކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ ޒުވާން މެމްބަރަކު އިއްޔެ "ސަން"އަށް ވިދާޅުވީ، އެ މަޝްވަރާތައް އިއްޔެގެ ބައްދަލުވުމުގައި ކުރި ކަމަށެވެ. އެގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރީ، މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/192506

މީގެ އިތުރުން، 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހަމަޖައްސަން ވެސް މަޝްވަރާކޮށް ނިންމިކަމަށް މެމްބަރު ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި ނިންމާފައި ވަނީ، މި މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސުމަށެވެ. އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް މަނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ހުސްނީ މުބާރަކް ހަމަޖައްސަން ވެސް ނިންމާފައި ވަކަމަށް މި ނޫހާ ވާހަކަ ދެއްކެވި މެންބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމް މިއަދު އައްޔަން ކޮށްފައި ވާއިރު، އެ ދެބޭފުޅުން މި މަގާމަށް އައްޔަން ކުރަން ވެސް މާކުރިން ޕީޖީން ފާސްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މި ދައުރުގައި 93އަށް އިތުރުވީއިރު އޭގެ ތެރެއިން 70 އަށްވުރެ ގިނަ މެމްބަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެމްބަރުންނެވެ.

comment ކޮމެންޓް