މާދަމާ ހުވާކުރާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދޭން, މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ވެރިކަން ކުރާ ޕާޓީ ފީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.
މިއަދު ބޭއްވި ޕާލިމަންޓްރީގެ ގްރޫޕުގެ ބައްދަލުވުމުގައީ ވަނީ، ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި އައްޔަން ކުރާނެ މެންބަރުން ނިންމާފައެވެ. އެގޮތުން ޕާލިމަންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި ވަނީ، 241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އައްޔަން ކުރަން ނިންމައިފައެވެ.
މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް މި މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހަމަޖައްސަން ވަނީ ނިންމާފައެވެ. އަދި ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް މަނަދޫ ދާއިރާގެ އިންތިޚާބީ މެމްބަރު ހުސްނީ މުބާރަކް ހަމަޖައްސަން ވެސް ވަނީ ނިންމައިފައެވެ.
ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މި މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރަން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަދި ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވައިކުރުމުގެ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާއެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިޚާބީ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދެވެ.
ރައްޔިތުންގެ މަޖިލީހަށް 93 މެމްބަރުންނަށް އަދަދު އިތުރުވީއިރު އޭގެ ތެރެއިން 70 އަށްވުރެ ގިނަ މެމްބަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެމްބަރުންނެވެ.