ގެއެއްގެ ނޯކަރީކަމުން މަޖިލީހުގެ ރިޔާސަތަށް

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުވެވަޑައިގަތީ ކުއްލިއަކަށް ނޫނެވެ. އެއް ދުވަހު ހޭލިއިރުގައި އާދެވިފައި ހުރި ހިސާބެއް ނޫނެވެ. އެ ދަތުރު އެ މަނިކުފާނު ފެއްޓެވީ ފަގީރު، ޔަތީމު ހާލުގައެވެ. ފުރަތަމަ އުޅުއްވީ ދަރުމާރުކޭޓުގައި ދަރުވިއްކާށެވެ. ދެން ގެއެއްގެ ނޯކަރީކަން ކުރައްވާށެވެ.

ސިޔާސީ ގޮތުން ފުރަތަމަ ވާދަކުރެއްވީ ރަށް ކުރިއަރުވާ ކޮމިޓީއަށެވެ. ވީ ނާކާމިޔާބެވެ.

އެ ދަތުރުގައި މިއަދު ދައުލަތުގެ އެންމެ ބޮޑު އެއް ބާރުގެ ރިޔާސަތާ ހަމައަށް ވާސިލުވެވިގެން، އެ ގޮނޑިކޮޅުގައި އިންނެވީއިރު ހިތަށް "ތަފާތު އެތައް ޝުއޫރުތަކެއް" އެރި ކަމަށް ވިދާޅުވީ އެހެންވެއެވެ. އަބްދުއްރަހީމްގެ ކާމިޔާބީ ފޮނި ވަނީ ވެސް އެހެންވެއެވެ.

"އަހަރެންގެ ބައްޕައަކީ ހަމަ އާދަޔާ ޚިލާފު އިންސާނެކެވެ. ނުހަނު ނިކަމެތި ހާލު، ކިޔެވުމުގެ ބޭނުމުގައި މާލެ ފައިބާ ގެއެއްގެ ނޯކިރީކޮށް، އެތަކެއް ތަކުލީފުތައް ތަހައްމަލުކޮށް، ނޫކަށި ޒުވާން ޢުމުރުގައި ވަޒީފާއަށް ނުކުތީ،" ބައްޕާފުޅު މަޖިލީހުގެ ރައީސަކަށް ވެވަޑައިގަންނަވާނެކަން ޔަގީންވުމާ އެކު ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މީސްމީޑިއާގައި ލިޔުއްވާފައިވެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ވިދާޅުވީ ތަފާތު ހިޔާލުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް -- ފޮޓޯ/ މަޖިލީސް

ފައިސަލް އެހާ ބޮޑަށް އުފާކުރެއްވީ ބައްޕަ ނޯކަރީކަމުން މަޖިލީހުގެ ރިޔާސަތާ ހަމައަށް ކުރެއްވި ދަތުރު އެހާ ގާތުން އަޑުއިވިފައި ހުންނެވީމައެވެ.

ޅައުމުރުގައި އަބްދުއްރަހީމް މާލެ ވަޑައިގަތީ އާއިލީ މީހަކާ އެކުގައެވެ. އެ މަނިކުފާނު ފުރަތަމަ އިންނެވީ ދަރުމާރުކޭޓުގައި ދަރު ވިއްކާށެވެ. ގެއެއްގެ ނޯކަރީކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީ ދަރު ގަންނަން އައި މީހެއްގެ ފަރާތުންނެވެ. ނޯކަރީކަން ކުރަން އަބްދުއްރަހީމް ވަޑައިގަތީ ކިޔަވަން ވަގުތު ލިބޭނެކަމުގެ އުންމީދުގައެވެ. އެކަމަކު، ނަސީބު ކަން ދިމާކުރީ އެހެންނެއް ނޫނެވެ.

ނޯކަރީކަން ކުރަން ގެންދިޔަ ގޭގެ މަސައްކަތް މާ ބުރައެވެ. ކިޔަވައިލާނެ ވަގުތެއް ނުލިބެއެވެ. އެހެންވެ، އެނބުރި އުފަން ރަށް ލ. ފޮނަދޫއަށް ވަޑައިގަތީއެވެ.

ކިޔަވާނެ ފުރުސަތު ލިބިވަޑައިގަތީ ދެވަނަ ފަހަރަށް މާލެ ވަޑައިގެން ދަތުރުގައެވެ. ފުރަތަމަ ރަސްމީ ވަޒީފާއަކަށް ނުކުންނެވީ އެ ދަތުރުގައެވެ. އޭރު އެ މަނިކުފާނަށް އެންމެ 14 އަހަރެވެ. ނުކުންނެވީ ކޯޓު ނަންބަރު އެކެއްގެ ޕިޔޯނަކަށެވެ. އޭރުގައި ވެސް ފުރުސަތުގެ ބޭނުން ހިފުމުގެ ހުނަރުވެރިކަން އަބްދުއްރަހީމްގެ ހުންނެވިއެވެ.

https://sun.mv/191306

ވަޒީފާގައި ހުންނަވައިގެން ކޮންމެ ވެސް މިންވަރެއްގެ ތައުލީމެއް ހާސިލުކުރެއްވިއެވެ. އެއަށް ފަހު ވަޒީފާގެ ކުރިއެރުން ހޯއްދެވިއެވެ. އެ ދުވަސްވަރު ހުނަރުވެރި، ތައުލީމީ މުވައްޒަފުން ނުލިބޭތީ ސަރުކާރުގެ މަގާމުތަކުގައި ތިބި ޒުވާނުންނަށް ފުރުސަތު ބޮޑެވެ. އެ ފުރުސަތުގެ ބޭނުން އަބްދުއްރަހީމް އޭރުގައި ވެސް ހިތްޕެވިއެވެ.

މަޝްހޫރު "ޓިނު" ހާދިސާއާ ލައްވާލި އެސްޓީއޯގެ ވަޒީފާއާ އެ މަނިކުފާނު ގުޅިވަޑައިގަތީ ވެސް އެ ފަހަރު ލައްވައިލި ފުރުސަތެއްގައި 1980 ގެ ކުރީކޮޅެވެ. އެސްޓީއޯގައި އެ މަނިކުފާނު ވަނީ މެނޭޖަރުކަމާ ހަމައަށް ވަޑައިގެންފައެވެ. ޒަވާޖީ ހަޔާތެއް ފައްޓަވައިގެން، ދޮށީ ދަރިކަލުން މިހާރުގެ މިނިސްޓަރު ފައިސަލް ލިބިވަޑައިގަތީ އެ ވަޒީފާގައި އަބްދުއްރަހީމް ހުންނެވީއިރެވެ.

އެކަމަކު، ދަރިކަލުން ފައިސަލަށް ހަ މަހުގައި ހިޔާނާތުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށް، އަބްދުއްރަހީމް އަރުވައިލީއެވެ. ބ. މާޅޮހުގައި ދުވަސްތައް ހޭދަކުރީ އާއިލާއާ ދުރުގައެވެ.

އެ ކަންތައްގަނޑުގައި އުޅުއްވާފައި އެނބުރި މާލެ ވަޑައިގަތީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުދެއްވުމުންނެވެ. އެއަށް ފަހުގައި ކޮންސްޓްރަކްޝަން ދާއިރާގައި ވެސް އުޅުއްވިއެވެ. ފަހުން ބޯޓު ދަތުރު ވެސް ކުރެއްވިއެވެ. އެއަށް ފަހު ވެސް އެސްޓީއޯއާއި ސްޓެލްކޯ އަދި ކަސްޓަމްސްގައި ވެސް އެ މަނިކުފާނު މަސައްކަތް ކުރެއްވިއެވެ.

މޭ 25، 2015: ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމް – ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަބްދުއްރަހީމް ރަސްމީކޮށް ސިޔާސީ މަސައްކަތް ފެއްޓެވީ 1993 ވަނަ އަހަރުއެވެ. އެ ދަތުރު ފެށުނީ މާޅޮހަށް އަރުވާލުމުގެ ފަހަތުގައި ހުރި ކަމަށް އެ މަނިކުފާނު ތުހުމަތުކުރައްވާ އިލްޔާސް އިބްރާހިމާ ދެކޮޅަށް ހިތުގައި އޮތް ނަފުރަތެއްގެ ސަބަބުންނެވެ.

އޭގެ ފަހުން ރާއްޖޭގައި ހަގީގީ މާނައިގައި ސިޔާސީ މަސައްކަތަށް ފުރުސަތު ލިބި، ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރެވުމާ އެކު، މައުމޫން އޭރު އުފެއްދެވި ޑީއާރުޕީއާ އަބްދުއްރަހީމް ގުޅިވަޑައިގަތެވެ. އެކަމަކު، މާ ގިނަ ދުވަސްތަކެއް ނުވެ، އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ޕީޕަލްސް އެލަޔަންސް (ޕީއޭ)އާ ގުޅިވަޑައިގެންފައެވެ.

އާ ގާނޫނުއަސާސީގެ ދަށުން ބޭއްވި ފުރަތަމަ މަޖިލީސް އިންތިޚާބުގައި 2009 ވަނަ އަހަރު ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތީ ޕީއޭގެ ޓިކެޓުގައެވެ. އޭގެ ފަހުން، 2014 ވަނަ އަހަރު ވެސް އެ މަނިކުފާނު ވަނީ ގޮނޑި ދިފާއުކުރައްވައިފައެވެ. އެ ހިސާބުން، އޭރުގެ ޑީއާރުޕީ މިހާރުގެ ޕީއެންސީ ފިކުރުގައި އަބްދުއްރަހީމަކީ ދެވަނައެއް ނުވާ ބޭފުޅެކެވެ. ޕޯޑިއަމްތަކުގައި އަޑުހަރު ބޭފުޅެކެވެ. ސަމާސާ މިޒާޖެއްގެ ވެރިއެކެވެ. ސަޕޯޓަރުން ނިކަން ގަޔާވާ ބޭފުޅެކެވެ. ވާދަވެރިން ނިކަން ނަފުރަތު ވެސް ކުރެއެވެ.

ޖެނުއަރީ 30، 2017: އަބްދުއްރަހީމް: އޭނާ މަޖިލީސް ރައީސްކަމަށް ވަޑައިގަތުމާ ހަމައަށް ހުންނެވީ ރައީސްގެ އެޑްވައިޒަރުކަމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ފަހުން 2019 ވަނަ އަހަރުގެ އިންތިޚާބުގައި އަބްދުއްރަހީމް އަނެއްކާ ވެސް ނާކާމިޔާބުވިއެވެ. އެ ނާކާމިޔާބީއާ އެކު އެ މަނިކުފާނުގެ ސިޔާސީ ހަޔާތް ނިމުނީކަމަށް މީހުން ގަބޫލުކުރިއެވެ.

އެކަމަކު، އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުގައި ހުންނެވި ޔާމީން ކުރެއްވި އިތުބާރެއްގެ ބޮޑުކަމުން، މިދިޔަ ސަރުކާރުގައި އެ މަނިކުފާނަށް އިއްވި ދެ ހުކުމުގައި ޖަލުގައި އޮންނެވީއިރު ވެސް ޕާޓީގެ ހިންގުން ހަވާލުކުރެއްވީ އަބްދުއްރަހީމާއެވެ. އެހެންވެ، ވަގުތީ ކޯލިޝަން ލީޑަރުގެ ހައިސިއްޔަތުން އަބްދުއްރަހީމްގެ ސިޔާސީ ބުރަދަން ހަމަ ބޮޑެވެ. ފަނޑެއް ނުވިއެވެ.

އޭގެ ފަހުން ރިޔާސީ އިންތިޚާބަށް ފަހުގައި ވެސް އެކިއެކި ތުހުމަތުތައް އަބްދުއްރަހީމަށް އަމާޒުވިއެވެ.

ޚާއްސަކޮށް ޔާމީނަށް ބޭވަފާތެރިވީ ކަމަށް ތުހުމަތުކުރިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ވަރަށް ބޮޑަށް އަބްދުއްރަހީމް މޮޅުކުރެއްވިއެވެ. ޔާމީން އިންތިހާއަށް އަބްދުއްރަހީމަށް ފާޑު ވިދާޅުވިއެވެ.

އެ ހުރިހާ ކަމެއްގެ ތެރެއިން ވިހިވަނަ މަޖިލީހަށް ވާދަކުރައްވައި، އަބްދުއްރަހީމް އެނބުރި ގޮނޑިއަށް ވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. ގޮނޑި ދިފާއުކުރެއްވީއިރު ވެސް އާ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް އޮތީ ބެލެވިފައެވެ. އުފާ ފާޅުކުރަން ވަޑައިގެން އުފަން ރަށުގެ ރައްޔިތުންނަށް ނުސީދާ ގޮތެއްގައި އެ ޔަގީންކަން ވެސް ދެއްވިއެވެ.

މިއަދު ހެނދުނު 9:00 ގައި އާ މަޖިލީސް ހުވާކުރުމަށް ފަހު، އެ މަޖިލީހަށް ރައީސަކު ހޮވަން ނެގި ސިއްރު ވޯޓު އެ މަނިކުފާނު ކާމިޔާބު ކުރެއްވީ 71 މެންބަރުންގެ ވޯޓުންނެވެ. ހަތް ވޯޓު ބާތިލުވީއިރު، ދެން ވާދަކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ އެންމެ 14 ވޯޓެވެ.

މަގާމާ ހަވާލުވެވަޑައިގެން އަބްދުއްރަހީމް އެންމެ ބޮޑު ޝުކުރެއް އަދާކުރެއްވީ ރައީސް މުއިއްޒަށެވެ.

އަބްދުއްރަހީމަކީ މަޖިލީސް ރައީސޭ ވިދާޅުވީ ރައީސް މުއިއްޒެވެ. އެ މަނިކުފާނުގެ ހުށަހެޅުއްވުމަށް ޕީއެންސީގެ 75 މެންބަރުން ހިމެނޭ ޕާލިމަންޓްރީ ގްރޫޕުގައި އެއްވެސް ދެބަސްވުމެއް ނެތެވެ. އެކަމަކު، އެ ހިސާބަށް އެ މަނިކުފާނު ވަޑައިގަތީ ކުއްލިއަކަށް ނޫނެވެ. މިއީ އުނދަގޫ، ދިގު، ވޭނީ ދަތުރެއްގެ ނިމުމެވެ. ފޮނި ކާމިޔާބީއެކެވެ.

comment ކޮމެންޓް