ރައީސް، މެމްބަރުންނަށް: ރައްޔިތުންނަށް މަންފާކުރާ މަޖިލީހަކަށް ހައްދަވައި ދެއްވާ

ޕީއެންސީއިން އުފާ ފާޅުކުރަން ބޭއްވި ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ: ރައްޔިތުންނަށް މަންފާކުރާ މަޖިލީހަކަށް ހައްދަވައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ-- ސަން ފޮޓޯ/ މޫސާ ނަދީމު

އާ ދައުރަކަށް މިއަދު އިންތިޚާބުވި، ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް މަންފާކުރާ މަޖިލީހަކަށް ހައްދައިވައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

އަލަށް އިންތިޚާބުވި މަޖިލީހުގެ މެންބަރުންނަށް މަރުހަބާ ދަންނަވާ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމަނިކުފާނުގެ އުންމީދަކީ މި މަޖިލީހަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދެކޭ އެންމެ ޒިންމާދާރު އަދި އިތުބާރު ހިފޭ މަޖިލީހަކަށްވުން ކަމަށެވެ.

އަދި، ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ކަންކަން ނިންމާ މަޖިލީހަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައެވެ.

އާ މަޖިލީސް ހުވާކުރަން މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި އަލަށް އިންތިޚާބުވެވަޑައިގެން 93 މެންބަރުން ވެސް ވަނީ ހުވާކުރައްވައިފައެވެ.

މެންބަރުން ހުވާކުރެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައެވެ.

އާ މަޖިލީހުގައި ޖުމުލަ 93 މެންބަރުން ތިއްބަވާއިރު، ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީއެއް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް