80 ވޯޓުން މަޖިލީހުގެ ނައިބު ރައީސަކަށް ނާޒިމް އިންތިޚާބުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: އޭނާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިޚާބުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިންތިޚާބުކޮށްފިއެވެ.

އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 93 މެންބަރުން ވެސް މިއަދު ހެނދުނު 9:00 ގައި ވަނީ މަޖިލީސް މެންބަރުކަމުގެ ގާނޫނީ ހުވާކުރައްވައިފައެވެ. މެންބަރުން ހުވާކުރެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައެވެ.

އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން މިއަދު 10:15 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް މެޖޯރިޓީ ޕާޓީ ޕީއެންސީން ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅައިފައެވެ. އަދި، ނައިބު ރައީސް ކަމަށް ނާޒިމްގެ ނަން ހުށަހަޅައިފައެވެ. އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ނާޒިމެވެ. ނާޒިމްގެ ނަން ހުށަހެޅުއްވީ އަބްދުއްރަހީމެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ ނަމެވެ. ނައިބު ރައީސްކަމަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.

މަޖިލީހުގެ ރައީސް ހޮވަން މިއަދު ނެގި ސިއްރު ވޯޓުގައި 71 މެންބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް އިންތިޚާބުކުރީ ޕީއެންސީން އެ މަގާމަށް ގެންނަން ނިންމި އަބްދުއްރަހީމެވެ. ނައިބު ރައީސް ނާޒިމް މިއަދު އިންތިޚާބުކުރީ 80 މެންބަރުންގެ ވޯޓުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހީމަށް ލިބުނު ވޯޓުގެ އަދަދު މަދުވީ ހަތް ވޯޓު ބާތިލުވުމުންނެވެ. ނައިބު ރައީސްކަމުގެ ވޯޓުގައި އެއްވެސް ބާތިލު ވޯޓެއް ނެތެވެ. އެހެންވެ، ނާޒިމަށް ވަނީ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ.

އެމްޑީޕީން ނައިބު ރައީސްކަމަށް ހުށަހެޅި އަހުމަދު ދީދީ ވެސް ލިބިފައިވަނީ 12 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުވި ނާޒިމަކީ މީގެ ކުރިން 17 ވަނަ އަދި 18 ވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވެސް ވަނީ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައެވެ.

ނާޒިމަށް ދިއްގަރު ދާއިރާގެ ގޮނޑި ގެއްލުނީ އޭޕްރީލް 2015 ގައި ކޮރަޕްޝަންގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. އެކަމަކު، 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށްފައެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ވެސް ނާޒިމް މަޖިލީހަށް ވާދަކުރެއްވިއެވެ. އެކަމަކު، އެ އިންތިޚާބުން ނާކާމިޔާބުވުމުން އޭނާ އެނބުރި މަޖިލީހަށް ވަޑައިގެންނެވީ މި ފަހަރުއެވެ.

މި މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކަމަށް ވެސް ޕީއެންސީން ވަނީ ނިންމައިފައެވެ. އަދި، އިދިކޮޅު އެމްޑީޕީން ވަނީ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު 19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން މި ފަހަރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ހޮވުމަށް ފަހު ސޮއިކުރި އަމިއްލަ މެންބަރުންނާ އެކު 75 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ވެސް، އެމްޑީއޭއިން ދެ ގޮނޑި، އަދި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އަދި، އަމިއްލަ ދެ މެންބަރުން ތިއްބަވައެވެ.

ނިމުނު 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިޚާބުގައި ވާދަ ވެސް ނުކުރެއެވެ.

comment ކޮމެންޓް