ޕީއެންސީގެ އާ އެސްޖީއަކަށް މިނިސްޓަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒް

ޒީނާޒް އަދުނާން --

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފިއެވެ.

އެ ކަން ހާމަކޮށް ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

ޒީނާޒަކީ މީގެ ކުރިން ޕީޕީއެމްގެ ސެނެޓްގައި ވެސް ހިމެނޭ މެމްބަރެކެވެ. މީގެ ކުރިން އޭނާވަނީ މި އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވައިފައެވެ.

މީގެ ކުރިން އޭނާވަނީ ކުޑަކުދިންގެ ހިޔާގެ ސީއީއޯ ކަން ވެސް ކުރައްވައިފައެވެ. އަދި ތައުލީމީ ދާއިރާގައި ވެސް ދިގު މުއްދަތަކަށް ޒީނާޒް ވަނީ ޚިދުމަތްކުރައްވައިފައެވެ.

މިހާރުގެ ސަރުކާރު ނިސްބަތްވާ ޕީއެންސީ ވެރިކަމަށް ހޮވުނީ ޕީޕީއެމް ހިމެނޭ ކޯލިޝަނަކުންނެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ޕީއެންސީއަށް މެމްބަރުން އިތުރުވެ 50،000 އަށްވުރެ ގިނަ މެމްބަރުން މިއަދު އެ ޕާޓީގައި އެބަތިއްބެވެ.

މަޖިލިސް އިންތިޚާބުގައި ވެސް ކެންޑިޑޭޓުން ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައެވެ.

ޕީޕީއެމްގެ އަޑު ފަނޑުވި ނަމަވެސް ޕީއެންސީގެ މަގާމުތައް އެކުލަވައިލައި އެ ޕާޓީ ވަރުގަދަ ކުރުމުގެ މަސައްކަތް އަންނަނީ އެ ޕާޓީގެ ލީޑާޝިޕުން ކުރަމުންނެވެ.

ޕާޓީގެ ރައީސެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުންނެވިއިރު، ކުރިން ރައީސްކަން ކުރެއްވި އަބްދުއްރަހީމް އަބްދުﷲ މިހާރު ހުންނެވީ އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުގައެވެ. ޕާޓީގެ ނައިބު ރައީސަކީ، ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ.

މިހާރު އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ މަގާމުތައް ވެސް ވަނީ އެކުލަވައިލައި ނިންމައިފައެވެ.

comment ކޮމެންޓް