އަޅުގަނޑާއި ރައީސާއި މަޖިލީހާ ޖެހޭނެ އެއްވެސް ފިތުނައަކަށް ޖާގައެއް ނުދޭނަން: އަބްދުއްރަހީމް

ރައީސް މުއިއްޒު، އަބްދުއްރަހީމަށް މަގާމު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޭނާއާއި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހާ ދެމެދުގައި މައްސަލަ ޖެހިދާނެ އެއްވެސް ފިތުނައަކަށް ޖާގަ ނުދެއްވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު މުލިއާގޭގައި އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲގެ ނަން ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

https://sun.mv/192310

އެއަށްފަހު، 20ވަނަ މަޖިލީހުގެ ތަސައްވުރާއި ސަރުކާރުގެ ކާމިޔާބީއާ ގުޅޭގޮތުން މިރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ރައީސަށް އޮތް އިތުބާރު ހާމަވެއްޖެ ކަމަށެވެ. އަދި ރައްޔިތުން ރައީސަށް ސުޕަ މެޖޯރިޓީ ދިނީ، މި ސަރުކާރުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ހުރުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ އަޅުގަނޑު މި ދެންނެވި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރަން ރައީސް މުއިއްޒަށް އެހީތެރިވެ ދިނުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި މެމްބަރުންގެ ތެރޭގައި ވެސް ފިތުނަ ފަސާދައަށް ޖާގަ ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއަށްވުރެ މާގާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާޓީ ކަންކަން ބައްލަވަނީ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތު ބާއްވާ. ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޕީއެންސީގެ ރައީސް. ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕާއި ޕީއެންސީގެ ރައީސާ އޮތީ ވަރަށް ގާތް ގުޅުމެއް. ކޮންމެ މީހަކަށް ޕީއެންސީގެ ރައީސާ ވާހަކަ ދެއްކޭނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މެމްބަރުންނާ ރައީސްގެ ގުޅުން ގޯސްވާ މައިގަނޑު ސަބަބަކީ ރައީސާއި ނުވަތަ ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރަން މަސައްކަތްކޮށް އެކަން ނުވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމަށް މަރުހަބާ ކިޔުމަށް ފޮނަދޫގައި ބޭއްވި ޚާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ މުޙައްމަދު ހަމްޒާ

"ތިން ހަތަރު ފަހަރަށް މެމްބަރުން ވަޒީރަށް ގުޅައިގެން ނުގުޅިގެން އެމްޑީއަށް ގުޅައިގެން ނުގުޅިގެން ރައީސަށް ގުޅަން އުޅެއުޅެ ނުގުޅިގެން ރައީސަށް މެސެޖު ފޮނުވައިގެން ޖަވާބު ނުލިބިގެން ތިއްބާ ކުރަން އުޅޭ ކަމެއްގެ މުއާލާތް އެބަ ކެނޑިގެންދޭ. އެހާ ހިސާބަށް ކަންކަން ދާތީ އެހާ ފަސޭހައިން ސަރުކާރާ މަޖިލީހާ ޖެހޭގޮތް ވަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ރައީސް މުއިއްޒުގެ ޒައާމަތުގައި އެހެން ކަންކަން ނުވާނެކަމުގެ ޔަގީންކަން އިންތިޚާބީ މަޖިލިސް މެމްބަރުންނަށް އެބަ އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންކަމުން 20ވަނަ ރައްޔިތުންގެ މަޖިލިސް ކުރިއަށް ދާނީ އަމާންކަމާއެކު ޚިދުމަތް ކުރުމުގެ ފޯކަސްގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީއަށް ސުޕަމެޖޯރިޓީ ލިބުމުގެ އުފާ ފާޅުކުރުން: އެ ރަސްމިއްޔާތުެ ނިންމާލުމުގެ ކުރިން ދުއާއެއް ކިޔާފައިވޭ -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިހި ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 75 އަށް އަރާނެއެވެ. އެއީ މަޖިލިސް އިންތިޚާބަށް ފަހު ޕީއެންސީއާ ގުޅިވަޑައިގަތް އަށް މެންބަރުން ވެސް ލައިގެންނެވެ.

ވިހިވަނަ މަޖިލީސް ހުވާކުރުން އަންނަ އަންގާރަ ދުވަހު އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ.

comment ކޮމެންޓް