އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: މިނިސްޓަރު

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ގާނޫނީ މިނިވަންކަން ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމަށް ހިއްކާ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން އަންގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން ހުކުމްކުރިއިރު، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މި މަހު 15 ގައި ވަނީ އީޕީއޭ މާލީ ގޮތުން ފުދުންތެރިކޮށް، ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު ވިދާޅުވީ، ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުގައި އަދި ނެތް ކަމަށެވެ.

"އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވެސް މި ދަނީ އީޕީއޭގެ މުހިންމު މަސައްކަތްތަކަށް އެ ތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އަދި އެތަނަށް ބޭނުންވާ އިކުއިޕްމަންޓާ އެއްޗެހި ހޯދައިދީ ވީހާ ވެސް އިންޑިޕެންޑެންޓްކޮށް މަސައްކަތްކުރެވޭނެ ގޮތް ހަދައިދެމުން،"

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް -- ފޮޓޯ/ ރައީސް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި އީޕީއޭ މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، އެ ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވަނީ، ސައިންސުގެ އަލީގައި ކުރާ ދިރާސާތައް ރާއްޖޭގައި މާ ބޮޑަށް ކުރެވިފައި ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންވެ، 'ގައުމީ ސްޓްރެޓީޖިކަލް އެންވަރަމެންޓަލް އެސެސްމެންޓެއް' ހަދައި ތަންފީޒުކުރުމަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގު މިއަދު ވިދާޅުވީ އެފަދަ އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. މުޅި ރާއްޖެއަށް ނޫން ނަމަވެސް ރާއްޖޭގެ އެކި ހިސާބުތައް ކަނޑައަޅާ އެ އެސެސްމެންޓުގެ މަސައްކަތްކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

https://sun.mv/192027

ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަންތައްތަކުގެ ތެރޭގައި މިފަދަ ގައުމީ ސިޔާސަތެއް ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހަދައި، ވަކިން ޚާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދާއިރު ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަނެ، ގެއްލުން ވަމުންދާނަމަ އެކަން ކުޑަކުރުމަށް ފިޔަވަޅު އަޅާކަން ޔަގީން ކުރަންޖެހޭކަން ފާހަގަކުރައްވައިފައެވެ.

މިކަން ކުރުމަށްޓަކައި އީޕީއޭ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ މިންވަރަށް ފުދުންތެރިކުރުމަކީ އަދި އެ ތަންތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ސުއޫދު ވިދާޅުވިއެވެ.

އީޕީއޭ މިހާރު ހިންގަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ދަށުންނެވެ. އެންމެ ފުރަތަމަ އީޕީއޭ އުފެއްދީ ރިޔާސީ ގަރާރަކުން 2008 ވަނަ އަހަރެވެ.

comment ކޮމެންޓް