މާރިޔާ އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރީ އަންހެނަކަށްވުމުން: އަނީސާ

ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު: ވިދާޅުވީ މާރިޔާ އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރީ އަންހެނަކަށްވުމުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތައުލީމީ ދާއިރާއިން މަތީ ތައުލީމާއި ގިނަ ތަޖުރިބާ ހާސިލުކުރަށްވާފައިވާ ޑރ. މަރިޔަމް މާރިޔާ، ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުން އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރެއްވުމުން ދޭހަވަނީ އަންހެނަކަށްވުމުން ތަފާތުކުރުން ގެންގުޅުއްވާކަން ކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލު އިއްޔެ ގެންނަވާފައެވެ. އެ ބަދަލަކީ:

  • ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލެއްވުން; އެ މިނިސްޓްރީގެ ހިންގުން ހަވާލުކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ މުއްތަލިބާ
  • ފިނޭންސް މިނިސްޓްރީގެ މެންޑޭޓަށް ކުރިން ހައުސިން މިނިސްޓްރީގެ ދަށުން ހިންގި ޕްލޭނިންގެ މަސައްކަތް ބަދަލުކުރެއްވުން؛ މިހާރު އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން
  • ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު، ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމަށް ބަދަލުކުރެއްވުން
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ، އެގްރިކަލްޗާ މިނިސްޓަރުކަމަށް ބަދަލުކުރެއްވުން

މި ބަދަލުތަކުގެ ތެރެއިން ހަޔާ އެޑިއުކޭޝަން މިނިސްޓަރުކަމުން އެކްރިކަލްޗާ މިނިސްޓަރުކަމަށް މާރިޔާ ބަދަލުކުރުމާ ގުޅިގެން އަނީސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ، ތައުލީމީ ދާއިރާއިން މަތީ ތައުލީމާއި ގިނަ ތަޖުރިބާ ހާސިލުކޮށްފައިވާ މީހަކު މަތީ ތައުލީމާ ބެހޭ ވުޒާރާ ހިންގަމުން ގެންދަނިކޮށް ކުއްލިއަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ބަދަލުކޮށް، އޭނާ ހިންގަމުން ގެންދިޔަ ވުޒާރާއަށް އެހެން ވަޒީރަކު އައްޔަނު ކުރުމުން އޭނާއަށް ކުޑަ ހައިރާންކަމެއް ލިބުނު ކަމަށެވެ.

އެހެންނަމަވެސް، ވިސްނާލުމުން ސަބަބު ހިތަށް ގެނެވިއްޖެކަން ފާހަގަކުރައްވާ އަނީސާ ވިދާޅުވީ އެއީ ގެދޮރުވެރިކަމާއި ބިމާ ބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އެއްކޮށްލުމުން ޕޯޓުފޯލިއޯ ނެތިގެން ދިޔައީ ފިރިހެން ވަޒީރެއްގެ ކަމަށެވެ. އެހެންކަމުން ހުސްކޮށް ހުރީ ދިރޭތަކެއްޗާބެހޭ ވުޒާރާކަމުން އެ ޕޯޓުފޯލިއޯ ފިރިހެނަކާ ހަވާލުކޮށްފިނަމަ ފިރިހެނެއްގެ ދަރަޖައާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ އަންހެނަކާ ހަވާލުކުރީ ކަމަށް އަނީސާ ވިދާޅުވިއެވެ.

އަނީސާ ވިދާޅުވީ، އަޑަށްބާރުލާފައި އަންހެނުން ބާރުވެރިކުރާ ވާހަކަ ތާއަބަދު އެންމެންވެގެން ދެއްކިނަމަވެސް ނަތީޖާ ނެރެވޭނީ އަމަލީގޮތުން ކަންތައްތަކެއް ކޮއްގެންކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. އެހެންކަމުން އެ ބަދަލަކީ ނޭދެވޭ ތަފާތުކުރުމެއް ނޫނޭ ކޮންމެ މީހަކު ބުނި ނަމަވެސް އެއްބަހެއް ނުވެވޭނެ ކަމަށް އަނީސާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިއްހީ ހާލުކޮޅު ހުރި ގޮތުން، އެގްރިކަލްޗާ މިނިސްޓަރުކަމުގައި ކުރިން ހުންނެވި ޑރ. އައިޝަތު ރަމީލާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، އެ މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ ވެސް މިނިސްޓަރު މާރިޔާއެވެ.

https://sun.mv/200712

މި ސަރުކާރުގައި ކުރިން 22 ވުޒާރާ ހިމެނެއެވެ. އެކަމަކު، ވަޒީރުންގެ މަޖިލީހަށް މިއަދު ގެނައި ބަދަލުތަކާ އެކު އެއް ވުޒާރާ އުވޭނެއެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު ވަނީ ވަޒީރުންގެ މަޖިލީހަށް ބަދަލު ގެންނަވާފައެވެ.

އެ ގޮތުން، ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު ވެސް ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީއަށެވެ. ފޮރިން މިނިސްޓަރުކަމުގައި ހުންނެވި ޑރ. އަބްދުﷲ ޚަލީލް ވެސް ފުރަތަމަ އައްޔަންކުރެއްވީ ހެލްތު މިނިސްޓްރީއަށެވެ. ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ކުރިން ރައީސް އޮފީހުގައި ހުންނެވި ކުރިން ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމެވެ.

ފުރަތަމަ ފިނޭންސް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު ޝަފީގު ވަނީ އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. ޒަމީރު އެ މަގާމަށް އައްޔަންކުރީ އެހެންވެއެވެ.

comment ކޮމެންޓް