އީޕީއޭއަށް ގާނޫނީ ބާރާއި މާލީ ފުދުންތެރިކަން ދޭންޖެހޭ: ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު --- ސަން ފޮޓޯ

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މާލީ ގޮތުން ފުދުންތެރިކޮށް، ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު ސުއޫދު މިފަދައިން ވިދާޅުވީ، ބޯހިޔާވަހިކަމަށް ހިއްކާ ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން އަންގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލުކުރުމަށް ކުރި ހުކުމުގައި ދެއްވި ރައުޔުގައެވެ.

ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވަނީ، ސައިންސުގެ އަލީގައި ކުރާ ދިރާސާތައް ރާއްޖޭގައި މާ ބޮޑަށް ކުރެވިފައި ނެތުމުން މިފަދަ މައްސަލަތަކުގައި ކޯޓުން ގޮތެއް ކަނޑައަޅަން ދަތިތައް ހުންނަ ކަމަށެވެ. އެހެންކަމުން 'ގައުމީ ސްޓްރެޓެޖިކަލް އެންވަރަމެންޓަލް އެސެސްމަންޓެއް' ހަދައި ތަންފީޒު ކުރުމަކީ ގާނޫނުއަސާސީގެ 22 ވަނަ މާއްދާއަށް ދިރުން ދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

https://sun.mv/192012

އެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަންތައްތަކުގެ ތެރޭގައި މިފަދަ ގައުމީ ސިޔާސަތެއް ތަންފީޒުކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް ހަދައި، ވަކިން ޚާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުން ގެންދާއިރު ތިމާވެއްޓަށް ކުރާ އަސަރުތައް ދެނެގަނެ، ގެއްލުން ވަމުންދާނަމަ އެކަން ކުޑަކުރުމަށް ފިޔަވަޅު އަޅާކަން ޔަގީން ކުރުން ހިމެނޭކަން ސުއޫދު ފާހަގަކުރެއްވިއެވެ.

އަދި މަޝްރޫއުތައް ނިމުމުން ދިރުންތަކަށް އަންނަ ބަދަލުތަކަކީ ކޮބައިކަން ދިގު މުއްދަތަކަށް ބަލައި މޮނިޓާކުރުމާއި، އެގޮތުން ކުރެވޭ ދިރާސާތައް އާއްމުކޮށް ޝާއިއުކުރުން ފަދަ ކަންކަން ކުރުން ވެސް އެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

"މިކަން ކުރުމަށްޓަކައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާ ކުރެވޭ މިންވަރަށް ފުދުންތެރިކުރުމަކީ އަދި އެތަންތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެން،" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ގުޅިފަޅު ބިން ހިއްކަނީ. މިހާރު 150 ހެކްޓަރުގެ ތެރެއިން 90 ހެކްޓަރު ބިން ވަނީ ހިއްކައިފައި -- ފޮޓޯ/ މިނިސްޓަރު މުއްތަލިބު

ބޯހިޔާވަހިކަމަށް ގުޅީފަޅު ހިއްކަން ފެށީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރުއެވެ. އެ ފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން ވަނީ އެ މަސައްކަތް ހުއްޓުވަން ސިވިލް ކޯޓުގައި އެދިފައެވެ. އެކަމަކު، އެ ކޯޓުން ވަގުތީ އަމުރު ނެރެދީފައެއް ނުވެއެވެ. އެހެންވެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބިން ހިއްކުން ހުއްޓާލަން އަންގައި ވަގުތީ އަމުރެއް ނެރުނީ އެ ކޯޓުންނެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ވަގުތީ އަމުރެއް ނެރެދީފައިވަނީ އެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންވެ، އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް