ފޯޅަވަހި ގެއްލުމުގެ ސަބަބުން ދިވެހިރާއްޖެ އިތުރަށް ދަރަނިވެރިވެ އަޅުވެތިކަމާއި ދިމާލަށް ގޮސްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ, ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރުވަން ތިއްބާ ރާއްޖެ އަޅުވެތިކަމަކަށް ދާތަން މިހާރު ފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ, މި ސަރުކާރު ކުރާ ކަމެއް ކުރަނީ ކުރެވޭ ކަންތައްތަކުގެ މަތި ޖަހަން ކަމަށެވެ.
މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ފޯޅަވަހި މައްސަލައެވެ. އެއީ، މިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައި އެންމެ ބާރަށް ދެކެވުނު އެއް ވާހަކަކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.
އެކަމަކު، ބޮންޑޭ ވިދާޅުވީ، އެ ކަމުގައި ވެސް ސަރުކާރުން ކަންތައްކުރީ ރަނގަޅަށް ނޫން ކަމަށެވެ. ފޯޅަވަހި މައްސަލައިގައި ރައްޔިތުން ނުރުހުން ފާޅުކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ސިޓީފުޅެއް ފޮނުއްވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ސިޓީ ވެސް އޮތީ ސިއްރުކޮށްފައި ކަމަށެވެ.
ރައްޔިތުންނާއި ނޫސްވެރިން އެދުމުން ވެސް އެ ސިޓީގެ މައުލޫމާތު ހާމަނުކުރާކަން ބޮންޑޭ ފާހަގަކުރެއްވިއެވެ.
"އެއީ ބޮޑު ހިނިގަނޑަކުން ދިޔައީ. ދުނިޔޭގެ ބައިނަލްއަގުވާމީ ޑިޕްލޮމެޓުން މަލާމަތް އެއަށްކުރީ ރައްޔިތުންނަށް ސިއްރުން ސިޓީއެއް ނުޖެހޭނެ ނޫންތޯ ފޮނުވާކަށް،" އޭނާ ވިދާޅުވިއެވެ.
ފޯޅަވަހި މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން ނިންމާފައި އޮތް ނިންމުމަށް އަމަލުކޮށް، އެ ތަނުގައި އެހެން ބަޔަކު ވަޒަންވެރިވެއްޖެ ނަމަ ރާއްޖެއަށް ހައްތަހައި ގެއްލުންވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެއީ، ރާއްޖެ އިތުރަށް ދަރަނިވެރިވެ، އަޅުވެތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އޮތް ދުވަސްވަރަކީ އަޅުގަނޑަށް ފެންނަ ތަސައްވުރުކުރެވޭ ގޮތުގައި އެ ސަރަހައްދަށް ބަޔަކު އައިސް އަހުލުވެރިކުރުވީ. ވަޒަންވެރިވީ. ދާ އަޅަން ފެށީ. ހައްތަހާ ރާއްޖެ ދަރަނިވެރިވާނީ. ރާއްޖެއަށް އާމްދަނީ މި ލިބެނީ މަސްވެރިންގެ އަތުން،" އޭނާ ވިދާޅުވިއެވެ.
ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ފޯޅަވަހި މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ވަނީ ކޮމިޓީއެއް އެކުލަވައިލާފައެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޓީފުޅެއް އެ ގައުމަށް ފޮނުއްވާފައިވެއެވެ. ނަމަވެސް، އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީފުޅު ހާމަނުކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސް ވިދާޅުވީ، ޗާގޯސްއަކީ ރާއްޖެއާ ގުޅިފައި އޮތް ތަނަކަށްވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރުމުން އެތަން އެހެން ގައުމަކަށް ލިބުމަށް ވުރެ ރާއްޖެއަށް ލިބުން އައުލާކަން ބޮޑު ކަމަށެވެ.
އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީ އޮތްއިރު ވެސް އެންމެ ބޮޑަށް ނުރުހުން ފާޅުކުރި އެއް ކަމަކީ ފޯޅަވަހި މައްސަލައެވެ. އެ މައްސަލައިގައި "ކަނޑު ވިއްކާލީ" ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން އެކުވެގެން ވެސް ބޮޑު ޖަލްސާއެއް ބޭއްވިއެވެ.