މަގާމުތަކަށް ބަދަލު ގެންނަނީ ކަންކަން ރަނގަޅުކޮށް، ފަސޭހަކުރަން: ސަރުކާރު

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު: ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައީސަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ނިންވެމުގެ ބާރުލިބިގެންވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ހިންގުމުގެ ކަންކަން ރަނގަޅުކުރަން ނުވަތަ ކަންކަން ފަސޭހަކުރަން ގެންނަންޖެހޭ ބަދަލުތައް މަގާމުތަކަށް އަބަދު ވެސް ގެންނަމުންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ސަރުކާރުގެ ބޮޑެތި ބައެއް ސިޔާސީ މަގާމުތަކަށް އިއްޔެ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގުއާއި މިފްކޯގެ ސީއީއޯ އަހުމަދު ސަމާހް ރަޝީދާއި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ޒުހޫރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގެންނަ ބަދަލާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ސަރުކާރު ހިންގުމުގައި ވުޒާރާތަކާއި ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ ބައެއް ކުންފުނިތަކަށް ބަދަލުގެންނަނީ އެ ބާރުގެ ތެރެއިންކަން ހީނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ބަދަލުތަކެއް ގެންނަވަމުން -- ފޮޓޯ/ ރައީސް އޮފީސް

އޭނާ ވިދާޅުވީ، ސަރުކާރު ހިންގުމުގައި އެ މަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅުކުރެއްވުމަށް އަދި ކަންކަން ހަރުދަނާކޮށް ރަނގަޅުކުރައްވަން ގެންނަން ޖެހޭ ބަދަލުތައް އަބަދު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވާނެ ކަމަށެވެ.

"ސަރުކާރު ހިންގުމުގައި އެ މަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށްޓަކައި، ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށްޓަކައި ކުރަައްވަން ޖެހޭ ކަންތައްތައް އެ މަނިކުފާނު އަބަދު ވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވިއެވެ.

އެކަމަކު، ސިޔާސީ މަގާމުތަކަށް ގެންނަވާ ބަދަލުތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް ނުދެއްވައެވެ.

https://sun.mv/192316

ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަންކަމުގައި ހުންނެވި، މި ސަރުކާރުގެ ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހްގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހް ވެސް ވަނީ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާދެއްވައިފައެވެ. އޭގެ ކުރީގައި އެމްއެމްޕީއާރުސީގެ ބޯޑުގައި މަޓީ ތަމުސީލުކުރެއްވި ޑިރެކްޓަރުގެ ރާފިލް މުހައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

މިފްކޯގެ ސީއީއޯކަމުން ވަކިކުރި ސަމާހަށް ފަހުން ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވައިފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކުރި ސަބަބެއް ސީދާ ހާމަކޮށްފައިނުވާއިރު، އެމްއެމްޕީއާރުސީގެ އެތެރޭގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް ބުނެ ބައެއް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުތަކެއް އަމާޒުކުރައްވައިފައެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވަނީ އެ ކަންކަން ދޮގުކުރައްވައިފައެވެ.

comment ކޮމެންޓް