ފައިސަލް މަރުހަބާއާއެކު ކިޔައިދެއްވީ، މަގާމަށް އަންނަން ބައްޕަ ކުރެއްވި އުނދަގޫ ދަތުރު

ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި ދަރިފުޅު، ޓޫރިޒަމް މިނިސްޓަރު އިބްރާޙީމް ފައިސަލް--

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވަން އެ ޕާޓީން ނިންމުން، އޭނާ ތާރީޚުން ޖާގަ ހޯއްދަވައިފައިވާ ކަމަށް ދަރިފުޅު އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

މިއަދު މުލިއާގޭގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ސަރުކާރު ހިންގާ ޕީއެންސީގެ އިންތިޚާބީ މަޖިލިސް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވިހި ވަނަ މަޖިލީހަށް ރައީސަކަށް ހޮވަން ރައީސް މުއިއްޒު ހުށަހެޅުއްވީ އަބްދުއްރަހީމްގެ ނަމެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ރައީސްގެ ހުށަހެޅުއްވުން ފާސްކޮށްފައެވެ.

https://sun.mv/192310

ފައިސަލް ވިދާޅުވީ، ގައުމަށް އައި ސިޔާސީ ބަދަލުގެ އޮއިވަރާއެކު، ނެގި ގިނަ ރާޅުތަކުގެ ތެރެއިން ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ހެވަށްޓަކައި ނިކުމެ 2009 ވަނަ އަހަރު އިންތިޚާބު ކުރި 17 ވަނަ މަޖިލީހުން ބައްޕަ ޖާގަ ހޯއްދެވީ ސިޔާސީ ކަންކަން ވަރަށް ރަނގަޅަށް ދަންނާތީ ކަމަށެވެ.

އެގޮތުން ޕީއެންސީގެ ރައީސަކަށް ހުންނަވައި، މިދިޔަ ރިޔާސީ އިންތިޚާބު، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ރައީސް މުޢިއްޒު ރިޔާސީ ރޭހަށް ނެރުއްވީ ވެސް ބައްޕަ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އޭރު ޕީޕީއެމްގެ ރައީސަކަށް ހުންނަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބު ބޮއިކޮޓު ކުރުމަށް ރޭއްވެވި ކެހިވެރި ރޭވުމުން ޕާޓީއާއި މި ގައުމު ސަލާމަތް ކުރުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ވެސް ޚުދު ބައްޕަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއި ދަރިފުޅު، ޓޫރިޒަމް މިނިސްޓަރު އިބްރާޙީމް ފައިސަލް--

"އެއީ މަދުން ނޫނީ އިންސާނަކަށް ނުނެރެވޭނޭ ފަދަ ހިތްވަރުގަދަ ޢަމަލެއް. މިއަދު މި ގައުމު ދެކެމުން މިދަނީ މާ އުފާވެރި މަންޒަރެއް،" ފައިސަލް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ޚިޔާލު ތަފާތު މީހުންނާއި، އެކު އުޅޭ ހިތް ނުބައި މީހުންޖެހި ދަންތުރައާއި، ކުރި މަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރި ކަންތައްތައްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އާއިލާއެއްގެ ހައިސިއްޔަތުން އޭނާވެސް ހިތްދަތިވި ކަމަށެވެ.

"ނުހަނު ނިކަމެތިހާލު، ކިޔަވުމުގެ ބޭނުމުގައި މާލެފައިބާ ގެއެއްގެ ނޯކިރީކޮށް، އެތަކެއް ތަކުލީފުތައް ތަހައްމަލު ކޮށް، ނޫކަށި ޒުވާން އުމުރުގައި ވަޒީފާއަށް ނިކުމެ، ދުނިޔެ އާރާސްތުކުރުމަށް ނުހަނު ޒުވާން އުމުރު ޒަވާޖީ ހަޔާތެއް ފަށާ، އާއިލާއެއް ބިނާކޮށް، އުފަންވި އަތޮޅާއި ރަށަށް ޚިދުމަތްކޮށް، ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ އަޒުމާއި ގަދަ ހިތްވަރާ އެކު ކުރިއަށް ދިޔަ އިންސާނެއް،" ފައިސަލް ވިދާޅުވިއެވެ.

މިއީ ބައްޕަ، ތާރީޚުން ހޯއްދެވި ފިސާރި ވަރުގަދަ ޖާގައެއް ކަމަށާއި ބައްޕައަކީ ސިޔާސީ ހިސާބުޖެހުމުގައި މިއިން ޒަމާނަކު ފެނިފައިނުވާ ފަދަ މުހަައްނިނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވިދާޅުވީ ފިކުރު ދޫކޮށްނުލައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނޭ ކޮންފަދަ ބޮޑު ފަޚުރުވެރިކަމެއްކަން ބަޔާން ކޮށްދޭނެ ގޮތެއް އަހުރެންނަކަށް ނޭނގޭ," ފައިސަލް ވިދާޅުވިއެވެ.

"ބައްޕާއެވެ! އައްސަރިބަހާއި ސާބަހެވެ. ތިޔަ ކުރެއްވި ހިތްވަރާއި ތިޔަވީ ޤުރުބާނީ އަށް އަދި ތިޔަ ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ސެލިއުޓް ކުރަން."

ވިހިވަނަ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށް އެންމެ ގިނަ މީހުން މީގެ ކުރިން ވެސް ގަބޫލުކޮށްގެން ތިބީ އަބްދުއްރަޙީމް ކަމަށެވެ. އޭނާ ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ވެސް މަޖިލީސް ރައީސްކަމަށް މަސައްކަތްކުރައްވާ ކަމަށް ތުހުމަތުތަކެއް އޮތީ އަމާޒުވެފައެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އަބްދުއްރަހީމް ވިދާޅުވަމުން އައީ ގޮތް ނިންމަވާނީ ރައީސް މުއިއްޒު ކަމަށާއި އޭނާގެ އެއްވެސް އަމިއްލަ އެދުމެއް މަޖިލީސް ރައީސްކަން ހޯދަން ނެތް ކަމަށެވެ. އަދި އަމިއްލައަށް މަޖިލީސް ރައީސްކަމަށް ޝައުގުވެރިވެއޭ ވިދާޅުނުވާނެ ކަމަށާއި އެކަން ބޭނުންވެގެން މަސައްކަތެއް ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް