ތަރުބިޔަތުގެ އެންމެ އިސް ޒިންމާއެއް އުފުލާންޖެހޭ ބަޔަކީ މައިންބަފައިން ނުވަތަ ބެލެނިވެރީންނެވެ. އެގޮތުން ދަރީންނަށް ކާންބޯންދީ އުނުފޭރާން ދިނުމާއި ބޯހިޔާވަހިކަމާއި ތަޢުލީމާއި ތަރުބިޔަތު ދިނުމަކީ މައިންބަފައިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ހަމަމިއާއެކު އެކުދީންނަށް ކުރިމަތިވާ ތަފާތު ނުރައްކާތަކުން މިންޖުކޮށްދިނުމާއެކު ދަރިފުޅުގެ ރައުޔާއި އިހުސާސްތަކަށް އިހުތިރާމުކޮށް، އޯގާތެރިކަމާއި އިރުޝާދުގެ މައްޗަށް އެކުލެވޭ ތަރުބަވީ އުސޫލެއްގެތެރެއިން އެކުދީންނާ މުޢާމަލާތުކުރަންޖެހޭނެއެވެ.
އިސްލާމީ ބެލެނިވެރިކަން މަގުދައްކަނީ ޖިސްމާނީ، ނަފުސާނީ، ފިކުރީ އަދި ރޫޙާނީގޮތުން ދަރީން ތަރުބިޔަތުކުރުމަށެވެ. ޒިންމާދާރު އަޚުލާގު ރަނގަޅު ދީންވެރި ފަރުދެއްގެ ގޮތުގައި ބޮޑުވެވޭނެ މާޙައުލެއް އުފައްދައިދިނުމަށެވެ. ދީނީ އަދި ދުނިޔެވީ ޢަމަލުތައް އެކުއެކީގައި ކުރިއަށްގެންދެވޭނެހެން ތަރުބިޔަތު ކުރުމަށެވެ. އެއީ މުޖުތަމަޢަށާއި އުއްމަތަށް މަންފާކޮށްދޭނެ އަދި މުޅި އުމުރުގައި ވެސް އިސްލާމްދީނުގެ އުސޫލުތައް ދަމަހައްޓާނެ ފުރިހަމަ އިންސާނަކު ތައްޔާރުކުރުމުގެ ބޭނުމުގައެވެ.
ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައި ކަމަށާއި، އެއަށްފަހުގައި އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިން ކަމަށް އޮތް ޙަދީޘްފުޅުން (މުސްލިމް: 2658)، ތަރުބިޔަތުކުރުމުގައި މައިންބަފައިންގެ ޒިންމާ ބޮޑުކަން ހާމަކޮށްދެއެވެ. މި ބަސްފުޅުގައި އެވާ ފިޠުރަތުގެ މާނައަކީ އެއްކައުވަންތަ އިލާހަށް އީމާންވުމާ އެކު ހެޔޮ ކަމަށް އެދުންވެރިވުމުގެ ބާރު ހިތާއި ނަފުސުގައި ލައްވަވާފައިވުމެވެ. ވުމާއެކު، މައިންބަފައިންނާއި ބެލެނިވެރީން ބޭނުން ގޮތަކަށް ދަރީން ތަރުބިޔަތު ކުރުމުގެ ފުރުސަތު އެ މީހުންނަށް ލިބިގެންވާކަން ޙަދީޘްފުޅުން އެނގެއެވެ.
ދަރީން ތަރުބިޔަތުކުރުމުގައި އިސްލާމްދީނުގައިވާ ފުރިހަމަ އިރުޝާދުތަކާ އެކު، ޒަމާނީ ހޯދުންތަކުގެ އަލީގައި ދެނެގެންފައިވާ ގޮތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. ފަހުގެ ހޯދުންތަކަށް ބަލާއިރު ތަރުބިޔަތުގެ މައިދާނުގައި އަމަލުކުރެވޭ މައިގަނޑު ހަތަރު ވައްތަރެއް ނުވަތަ ސްޓައިލެއްގެ ބެލެނިވެރިކަން ވެއެވެ. އެއީ، މި ޒަމާނުގެ ޗައިލްޑް ސައިކޮލޮޖީ ބަޔާންކޮށްދޭ އޯތޮރިޓޭރިއަން، ޕަމިސިވް، ނެގްލެކްޓްފުލް އަދި އޯތޮރިޓެޓިވް މި ހަތަރު ވައްތަރެވެ.
ބެލެނިވެރިކަމުގެ ކޮންމެ ވައްތަރަކުން ވެސް ކުދީންގެ ސުލޫކަށް ތަފާތު އަސަރުތަކެއް ކުރުވައެވެ. ތަރުބިޔަތުކުރުމުގައި ބޭނުންކުރެވެނީ ކޮން ގޮތެއްކަން ދެނެގަވޭނީ ދަރީންގެ އުޅުމާއި ހަރަކާތްތައް ހުންނަ ގޮތުންނެވެ. އަދި، އެ ކުދީންގެ ބޭނުންތަކަށް ބެލެނިވެރިޔާ އިޖާބަދޭގޮތާއި އެ ކުދީންގެ ފަރާތުން ބެލެނިވެރިޔާ އެދޭ އެދުންތަކާއި އެ ކުދީންގެ ކަންކަމަށް ނުފޫޒު ފޯރުވާ މިންވަރާމެދު ނަޒަރު ހިންގުމުން، ތިމާއަށް ބޭނުންކުރެވެނީ ކޮން ވައްތަރެއްގެ ބެލެނިވެރިކަމެއްކަން ދެނެގަނެވޭނެއެވެ. މީގެ ތަފުސީލު ތިރީގައި އެވަނީއެވެ.
އޯތޮރިޓޭރިއަން ބެލެނިވެރިޔާ: މިއީ ހުރިހައި ބާރެއް ތިމާގެ އަތުގައި އޮންނަންޖެހޭ ކަމަށް ގަބޫލުކުރާ ބެލެނިވެރިޔާއެވެ. އަބަދު ވެސް ބެލެނިވެރިޔާއަށް ދަރިފުޅު ކިޔަމަންވާންޖެހޭނެ ކަމަށް ދެކުމާ އެކު ގޯސް ސުލޫކަށް މިފަދަ ބެލެނިވެރިޔާ އަދަބުދޭނެއެވެ. މިއީ ބެލެނިވެރިކަމުގެ ހަރުކަށި ވައްތަރެއްކަމުގައި ބުނެވިދާނެއެވެ.
އާއްމު ސިފަތައް:
- ދަރިފުޅުގެ ފަރާތުން ކަންކަންކަމަށް އުއްމީދުރުން ބޮޑު، ދަރިފުޅުގެ އެދުންތަކަށް އިޖާބަދިނުން ކުޑަ
- ދަރިފުޅުގެ އިހުސާސްތަކާއި، އިޖުތިމާއީ-ޖަޒުބާތީ އަދި ސުލޫކީ ބޭނުންތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައި ހަރުކަށި އުސޫލުތައް ތަންފީޒުކުރުން
- ދަރިފުޅު ކުރަން ނުވަތަ ނުކުރަން އަންގާ ކަމަކާމެދު 'އެއީ ކީއްވެތޯ؟' ސުވާލުކޮށްފިނަމަ އެއަށް އެކަށީގެންވާ ޖަވާބު ދިނުމުގެ ބަދަލުގައި، 'އަހަރެން އެހެން ބުނީމައި ޖެހޭނީ ކުރަން' ކަމުގެ އުސޫލު ބޭނުންކުރުން
- އާއްމުގޮތެއްގައި މުޢާމަލާތުކުރުމުގައި ހަމައެކަނި ބެލެނިވެރިޔާގެ ފަރާތުން ދަރިފުޅަށް ބަސް އިއްވާ 'ވަން ވޭ' އުސޫލެއް ގެންގުޅުން
މީގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ އަސަރުތައް:
- ދަރިފުޅުގެ ރައުޔާއި ފިކުރުތައް އަގުނުކުރާތީ، އަމިއްލަ ނަފުސާމެދު އޮންނަ އިތުބާރު އެކަށީގެންވާގޮތުގައި ތަރައްޤީވަމުން ދިއުމަށް ހުރަސް އެޅުން
- ބީރައްޓެހިކަމާއި ނުރުހުންތެރިކަމުގެ ސިފަ ހުރުން
- ބެލެނިވެރިންނާމެދު ދަރިފުޅުގެ ހިތުގައި އޮންނަ ހިތްހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއްގެ ސަބަބުން، އެ މީހުންގެ އުއްމީދުތަކާ އެއްގޮތަށް ކަންކަން ރަނގަޅަށް ކުރުމާމެދު ވިސްނަން ބޭނުން ނުވުން
ޕަމިސިވް ބެލެނިވެރިޔާ: ތަރުބިޔަތުކުރާ ފަރާތެއްގެ ރޯލަށްވުރެ ބޮޑަށް މިފަދަ ބެލެނިވެރިޔާގެ ފަރާތުން ފެންނާނީ 'ރައްޓެއްސެއް' ގެ ރޯލެވެ. މިފަދަ ބެލެނިވެރީން ދަރިފުޅު ހިތްހަމަޖެހޭ ގޮތަށް ކަންކުރަން ދޫކޮށްލައި ބޮލަށް ފަސޭހަގޮތް އިޚުތިޔާރުކުރެއެވެ. ދަރިފުޅު ކުރާ ކޮންމެ ކަމެއްވެސް މިބައިމީހުންނަށް 'ވަރިހަމަ' ވާނެއެވެ. ދަރިފުޅު ބޭނުންވާ ކަމެއް ކޮށްދިނީމައި އެ ކުދީންނަށް ދޭންޖެހޭ ލޯބި ދެވުނީކަމަށް އެ މީހުން ދެކެއެވެ.
އާއްމު ސިފަތައް:
- ދަރިފުޅަށް ޖަވާބުދާރީވާ މިންވަރު މަތި، އެ ކުދީންގެ ފަރާތުން ކަންކަމަށް އެދޭ މިންވަރު ކުޑަ
- މަގުދައްކައިދިނުމުގެ ބަދަލުގައި ކުއްޖާއަށް ފެންނަ ގޮތަކަށް ކަންކަން ކުރަން ދޫކޮށްލާ
- ދަރިފުޅު ތަބާވާންޖެހޭ އުސޫލުތަކާއި އެ ކުދީންގެ ފަރާތުން ކުރެވޭ ވަކި އުއްމީދުތަކެއް ނޯވޭ ނުވަތަ ވަރަށް މަދު
- ދަރިފުޅު އުފަލުގައި ބަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކުރޭ
- ދަރިފުޅު ކުރާ ނޭދެވޭ ކަންކަމާ މާ ބޮޑަށް އަޅައިލުމުގެ ބަދަލުގައި އެ މީހުން ދެކޭނީ 'ކުޑަކުދިންނަކީ ކުޑަކުދިން، އެ މީހުން އުޅޭނީ އެގޮތަށް' ކަމަށް
މީގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ އަސަރުތައް:
- އުނގެނުމުގައި އުނދަގޫކަން ކުރިމަތިވުން
- ތަބާވާންޖެހޭ ވަކި އުސޫލުތަކެއް ނެތުމާއި އަގުވަޒަންކުރުން ނެތުމުން އަޚުލާގީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު
- އަމިއްލަ ނަފުސަށް ކުރާ އިތުބާރު ދަށްވުން
- އުފާވެރިކޮށް ކަމަށް ފެނުނަސް އަސްލުގައި ހިތާމައިގެ ތެރޭގައި އުޅުން
ނެގްލެކްޓްފުލް ބެލެނިވެރިޔާ: މި ބާވަތުގެ ބެލެނިވެރީން ދަރީންގެ ކަންކަމާ އަޅައިލާ ބަލަހައްޓާނީ ވަރަށް މަދުފަހަރެއްގައެވެ. މި ސަބަބަށްޓަކައި، މިއީ އަޅައިނުލާ ބެލެނިވެރިކަމޭ ވެސް ކިޔައެވެ.
އާއްމު ސިފަތައް:
- ދަރިފުޅަށް ޖަވާބުދާރީވާ މިންވަރު ކުޑަ، އެ ކުދީންގެ ފަރާތުން ކަންކަމަށް އެދޭ މިންވަރު ކުޑަ
- ދަރިފުޅު ބޭނުންކަމެއް ކުރަން ދޫކޮށްލައި، ބެލެނިވެރިޔާ ކުރާ ކަމެއްގައި މަޝްޣޫލުވެގެން އުޅެމުން މަދު ފަހަރެއްގައި ކުއްޖާ ކުރާ ކަމަކަށް ސަމާލުކަން ދިނުން (މިސާލަކަށް، ކުއްޖާ ތަންތަނަށް އަރައި އަޑުގަދަކޮށް ހަދާއިރު ބެލެނިވެރިޔާ ޓީވީ ބަލަން އިނދެފައި، މަޑުމަޑުން އުޅޭށޭ ގޮވައިލުންފަދަ ވަރަށް އާދައިގެ ސަމާލުކަމެއް ދިނުން)
- ތަރުބިޔަތާއި އިރުޝާދާއި ސަމާލުކަން ދިނުން ވަރަށް ކުޑަ
މީގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ އަސަރުތައް:
- އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ތަރައްޤީކުރަން އުނދަގޫވުން
- މަދަރުސާގައި މާ ރަނގަޅު ނަތީޖާއެއް ނުލިބުން
- ސުލޫކީ މައްސަލަތައް ކުރިމަތިވުމާއި އުފާވެރިކަން ކުޑަވުން
އޯތޮރިޓެޓިވް ބެލެނިވެރިޔާ: މިއީ ދަރިން ތަރުބިޔަތުކުރުމުގައި ނަބަވީ ސުންނަތާ އެންމެ ކައިރިކުރާ ވައްތަރެވެ. އެގޮތުން ބެލެނިވެރިކަމުގެ މި ވައްތަރުގައި، ބެލެނިވެރިޔާއާއި ދަރިފުޅުގެ އުއްމީދުތަކާއި އިހުސާސްތަކަށް ސަމާލުކަން ދެވި، ދެ ފަރާތުގެ ބޭނުންތަކަށް އެންމެ އެދެވޭ ގޮތުގައި ރިޢާޔަތް ކުރެވޭނެއެވެ. ބެލެނިވެރިކަމުގެ މި ވައްތަރު ބޭނުންކުރާނަމަ ބެލެނިވެރިޔާއާއި ދަރިފުޅާ ދެމެދު ބަދަހި ގުޅުމެއް އުފެދި، ދިމާވެދާނެ ވަރަށް ގިނަ މައްސަލަތައް ހައްލުކުރަން ފަސޭހަވާނެއެވެ. އެހެންކަމުން، މިއީ ބެލެނިވެރިކަމުގެ އެންމެ ރަނގަޅު ވައްތަރުކަމުގައި ބުނެވެއެވެ.
އާއްމު ސިފަތައް:
- ދަރިފުޅަށް ޖަވާބުދާރީވާ މިންވަރު މަތި، އެ ކުދީންގެ ފަރާތުން ކަންކަމަށް އެދޭ މިންވަރު މަތި
- ދެނެގަތުމަށާއި އަމަލުކުރަން ފަސޭހަވާނެހެން ސާފު އުސޫލުތަކާއި، ކުއްޖާގެ ފަރާތުން ކުރެވޭ އުއްމީދުތައް ކަނޑައަޅާފައި ހުރުން
- ގިނައިން ކުއްޖާއާ މުޢާމަލާތުކުރުމާ އެކު، އޭނާގެ ވިސްނުމާއި އިހުސާސްތަކާއި ޚިޔާލުތައް އަޑުއަހައި ރިޢާޔަތްކުރުން
- އާއްމުކޮށް ހިނގާ ކަންކަން އެގޮތުގައި ހިނގުމަށް ފުރުސަތުދީ އެއީ މާބޮޑު ކަމަކަށް ހަދައިގެން ނޫޅުން. (މިސާލަކަށް: ރަނގަޅަށް ތައްޔާރު ނުވެވުމުގެ ސަބަބުން އިމްތިހާނަކުން ފޭލިވިޔަސް، އެކަމާ އެއްޗެތި ކިޔުމުގެ ބަދަލުގައި އެއީ ކުރިއަށް އޮތް ތަނުގައި އިތުރު ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދުމަށް ލިބުނު ފުރުސަތެއްކަމަށް ބުނެދީ ކިޔެވުމަށް އެހީތެރިވުން)
މީގެ ސަބަބުން ކުއްޖާއަށް ކޮށްފާނެ އަސަރުތައް:
- އަމިއްލަ ޚިޔާލާއި އިހުސާސްތައް ފަސޭހަކަމާ އެކު ފާޅުކޮށް ޒިންމާދާރުކަމާ އެކު ބޮޑުވުމުގެ ފުރުސަތު ލިބުން
- އުފާވެރި ކާމިޔާބު މީހަކަށްވުން
- އަމިއްލައަށް ހެޔޮނުބައި ވަޒަންކޮށް ހަރުދަނާ ނިންމުންތައް ނިންމަން އެނގުން
ދަރިންނަކީ ﷲ ހަވާލުކުރައްވާ އަމާނާތެއް އަދި ނިޢުމަތެއްކަމުން، އެ ދަރީން ތަރުބިޔަތު ކުރުމުގައި އިހުމާލުވެގެން ނުވާނެއެވެ. ތަރުބިޔަތުގެ ޒިންމާ އުފުލާ އެންމެ އިސްފަރާތަކީ މައިންބަފައިންނާއި ބެލެނިވެރީންކަމަށްވާއިރު، އެކަމާމެދު އިސްލާމްދީނުގައި އައިސްފައިވާ އިރުޝާދުތަކާ އެކު، ޒަމާނީ ހޯދުންތަކުން ދެނެގެންފައިވާ އުސޫލުތައް ދަސްކޮށް އެއާ އެއްގޮތަށް ދަރީން ތަރުބިޔަތު ކުރެވޭނަމަ ﷲ ގެ އިރާދަފުޅާ އެކު އެންމެ އެދެވޭ ނަތީޖާ ނުލިބިއެއްނުދާނެއެވެ.