އިންޑިއާ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމުން ފައިދާވަނީ ލަންކާއަށް: ލަންކާ ޓޫރިޒަމް މިނިސްޓަރު

ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ

އިންޑިއާގެ ފަތުރުވެރިން ރާއްޖެ ބޮއިކޮޓް ކުރުމުން އެކަމުގެ ފައިދާ ސްރީ ލަންކާއަށް ލިބޭކަމަށް އެ ގައުމުގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެއެވެ.

މިދިޔަ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާއާއި އަބްދުﷲ މަހްޒޫމް މާޖިދު ވަނީ އިންޑިއާ އާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަދައްކަވައިފައެވެ.

އެއަށްފަހު އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ގޮވާލަ ހަރަކާތެއް ފަށާފައެވެ.

މި ހަރަކާތާއެކު، މިދިޔަ އަހަރު ރައްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެއްވަނައިގައި އޮތް އިންޑިއާ މިހާރު ވަނީ ހަވަނައަށް ވެއްޓިފައެވެ.

ލަންކާއަށް އިންޑިއާ ފަތުރުވެރިން އިތުރުވަމުން އައި ގޮތުގެ ހިސާބުތައް -- ފޮޓޯ/ސީއެންބީސީ

މި އަހަރު ލަންކާގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރާ އަޅާބަލާއިރު އެ ގައުމަށް ޒިޔާރާތްކުރާ އިންޑިއާ ފަތުރުވެރިން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ލަންކާއަށް ޒިޔާރާތް ކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު 18،000 އާއި 13،000ގައި ހުރި އިރު، މިއަހަރު އެ އަދަދު ވަނީ 30،000 އިން 34،000އާ ދެމެދަށް އިތުރު ވެފައެވެ.

ބޭރުގެ މަޝްހޫރު ނޫހެއްކަމަށްވާ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ފެނާންޑޯ ވިދާޅުވީ، އިންޑިއާ އާއި ލަންކާއާ ދެމެދު ވިޔަފާރި އާއި ފަތުރުވެރިކަމުގައި ގާތް ގުޅުމެއް އޮންނަ ކަމަށެވެ. އަދި އިންޑިއާ ފަތުރުވެރިންނަށް ލަންކާގައި ބޮޑު މާކެޓެއް އޮންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ލަންކާގެ ގޮނޑުދޮށްތަކާއި، ކަސީނޯތައް އަދި ވިޔަފާރި ކުރެވޭ ތަންތަން ހުންނަ ކަމަށް ފެނާންޑީ ވިދާޅުވިއެވެ.

"ގުޅުން ވެސް އޮވޭ. ސްރީ ލަންކާ އެއާލައިންސް އިން އެކަނި ވެސް ހަފުތާއަކު 80 ފަހަރަށް އިންޑިއާއަށް ދަތުރު ކުރާނެ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ އިކޮނޮމީ އަކީ ދުނިޔޭގައި ވެސް އެންމެ ހަލުވިކަމާ އެކު ކުރިއަރާ އިކޮނޮމީކަން ފާހަގަކޮށް ފެނާންޑީ ވިދާޅުވީ، އެކަމުން ސްރީ ލަންކާއަށް ފައިދާ ވާކަމަށެވެ. އަދި، ލަންކާއަށް ދުނިޔޭގެ ފެންވަރުގެ ބްރޭންޑުތަކުން އިންވެސްޓު ކުރާނެ ކަމަށް ކުރާ އުންމީދު ފެންނާންޑޯ ވަނީ ހާމަކުރައްވާފައެވެ.

"ބޭރުގެ ގިނަ އިންވެސްޓަރުންނަށް ވާނީ މިގައުމުގައި އިންވެސްޓު ކުރުމަށް ދައުވަތު ވެސް ދީފައި. އާ ސަރަހައްދުތަކުގައި އަހަރެމެން ވޯޓާ ބަންގަލޯ ގާއިމް ކުރަން ވެސް އެބަ ވިސްނަން. ރާއްޖޭގެ ކޮންސެޕްޓަށް، އެއީ ބީޗާ ވެސް ކައިރި ހިސާބެއް ވީމަ،" ފެނާންޑޯ ވިދާޅުވިއެވެ.

އޭނާ ވަނީ ލަންކާގެ ފަތުރުވެރިކަމުގައި އެޑްވިންޗާ ހަރަކާތްތައް އިތުރުކޮށް ޒުވާން ފަތުރުވެރިން ގެންނަން އިތުރަށް މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. އެގޮތުން ހޮޓް އެއާ ބެލޫނާއި ސްކައި ޑައިވިންގެ އިތުރުން އިންޑިއާ ކައިރިއަށް ފެތިފައި ހުރި ޝިފްވްރެކް ތަކުގައި ޑައިވް ކުރުން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ފެނާންޑޯ ވަނީ މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ފާޑު ކިޔާފައެވެ. ނަމަވެސް އޭނާއަށް އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ފަހުން ވަނީ އެކަމަށް މައާފަށް އެދިފައެވެ.

comment ކޮމެންޓް