ބަޔަކު ދޭ އެއްޗަކުން ފުދުމަށްވުރެ، އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުން މުހިންމު: ފާރިސް

ފާރިސް މައުމޫން ----

ރާއްޖެއަށް ބަޔަކު ދޭ މާލީ އެހީން ފުދިގެން ތިބުމުގެ ބަދަލުގައި، އިގުތިސާދީ ގޮތުން އަމިއްލަ ފައި މައްޗަށް ތެދުވުން މާ މުހިންމު ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.

ފާރިސް މިފަދައިން ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު، އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރަށް ފަސްކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވަނިކޮށެވެ.

ފާރިސް އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ދެމުންދާ މަލީ އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ. ނަމަވެސް ރާއްޖެއިން އިގުތިސާދު އަމިއްލައަށް ނެގެހެއްޓުމަށް ޓަކައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން ހެޔޮ އެދޭ ފަރާތްތަކާއި ބޭރުގެ އެހެނިހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން ޖެހޭކަން ފާހަގަކުރައްވައި، ކޮންމެ އަހަރަކު އެހީއަށް އެދި، އެހީ ހޯދުމަކީ އުފާ ފާޅުކުރަން ޖެހޭ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ފައިސާ ދެއްކުން ފަސްކޮށްދިނީ ދިވެހި ސަރުކާރުން އިންޓަރެސްޓް ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އިންޓަރެސްޓަށް އަރާ ބައި ދައްކައިދެނީ އިންޑިއާ ސަރުކާރުންނެވެ.

https://sun.mv/191904

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގައިފައެވެ.

އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ވަނީ ސަރުކާރުން ދައްކައިފައެވެ. ފަސްކޮށްދިން ޓީބިލަށް ފައިސާ ދައްކަން ޖެހެނީ މި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް