އިންޑިއާ މާކެޓު މުހިއްމު، ނަންބަރުތައް ހިފަހައްޓަން އެބަ މަސައްކަތްކުރަން: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު: އޭނާ ވިދާޅުވީ، ފަތުރުވެރިކަމަށް އިންޑިއާ މާކެޓު މުހިއްމު ކަމަށް -- ސަން ފޮޓޯ

ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާ މާކެޓު 'ވަރަށް މުހިއްމު' ކަމަށާއި އެ މާކެޓުގެ ނަންބަރުތައް ދަށްވާކަން ފާހަގަކުރެވުމާ އެކު ނަންބަރުތައް ހިފަހައްޓަން މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވެއްޖެއެވެ.

ނިމުނު 2021، 2022، އަދި 2023 ވަނަ އަހަރު ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން، ފަތުރުވެރިން އަންނަ އަދަދު މި އަހަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވުމާ އެކު އިގުތިސާދީ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ސިނާއަތުގެ ތަޖުރިބާކާރުން އަންދާޒާ ކުރެއެވެ.

މި ހަފުތާގައި 'ސަން'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފާތިމަތު ވިދާޅުވީ، ފަތުރުވެރިކަމުގެ 'ލޯ ސީޒަން'އަށް ޓާގެޓުކޮށްގެން ވެސް ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"ނަންބާސްތައް [އިންޑިއާ މާކެޓުގެ] ހިފަހައްޓަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވިއެވެ.

"ނަންބާސްތައް ދަށްވަމުންދާކަން ފާހަގަކުރެވުނީމާ އިތުރަށް ޕްރޮމޯޝަންސްތަކަށް މަސައްކަތް ކުރާނަން. އަޅުގަނޑުމެން އެބަހުރި މިހާރު ވެސް ކުރިއަށް ގެންދަން ޕްރޮމޯޝަންސްތަކެއް. ލޯ ސީޒަންއަށް ޓާގެޓު ކޮށްގެން ވެސް އަޅުގަނޑުމެން ކެމްޕޭންތައް އެބަ ރަންކުރަން،"

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު: އޭނާ ވިދާޅުވީ ދަށް ސީޒަނަށް ހާއްސަކޮށްގެން ޕްރޮމޯޝަންތައް ހިންގާނެ ކަމަށް -- ސަން ފޮޓޯ

އޭނާ ވިދާޅުވީ، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާ ގުޅިގެން ވެސް ފަތުރުވެރިކަމުގެ ލޯ ސީޒަނާއި އިންޑިއާގެ މާކެޓަށް ޚާއްސަކޮށްގެން ޕްރޮމޯޝަންތައް ކުރިއަށް ގެންދާ ކަމަށެވެ.

އެ މާކެޓުގެ އިތުރުން ވެސް، ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މުހިއްމު މާކެޓުތަކަށް ޚާއްސަކޮށްގެން ބޮޑެތި ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވާނެ ކަމާ މެދު އޭނާ ޝައްކެއް ނުކުރައްވައެވެ.

"ޓާގެޓުގެ 25 އިންސައްތައަށް ވުރެ ބޮޑުކޮށް ހާސިލުވެއްޖެ، އެހެންވީމާ މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދެ މިލިއަނަށް ވުރެ ގިނައިން ވެސް ފަތުރުވެރިން ގެނެވޭނެ ކަމަށް އުންމީދު ކުރަނީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/189740

ވެރިކަން ބަދަލުވުމަށް ފަހު، އިންޑިއާއާ އެކު ގުޅުން ގޯސްވެފައި އޮއްވައި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ފަންނާނުންނާއި ނުފޫޒުގަދަ މީހުން ވަނީ ރާއްޖެ ބޮއިކޮޓުކުރަން ގޮވާލައިފައެވެ. އެއަށް ފަހުގައި، އިންޑިއާ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ، 209،198 މީހުންނާ އެކު އިންޑިއާއިންނެވެ.

އަހަރުގެ މިހާތަނަށް، 762،125 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާއިން ޒިޔާރަތްކޮށްފައިވަނީ އެންމެ 42،167 ފަތުރުވެރިންނެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 81،914 ފަތުރުވެރިންނާ އެކު ޗައިނާއިންނެވެ.

comment ކޮމެންޓް