ނަތީޖާއިން މާޔޫސްވި ނަމަވެސް، ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރު: އެމްޑީޕީ

އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން: ނަތީޖާއިން މާޔޫސްވި ނަމަވެސް، ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރު ކަމަށް އެ ޕާޓީން ބުނޭ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން މާޔޫސްވި ނަމަވެސް، މިއީ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް އާ ހިތްވަރަކާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެމްޑީޕީން ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެ، ކެމްޕެއިންގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު 8:00އިން 17:30އަށް ކުރިއަށްގެންދިޔަ އިންތިޚާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުން ޕީއެންސީއަށް 70 ގޮނޑިއާއެކު ސުޕަމެޖޯރިޓީއެއް ލިބިފައިވާ ކަމަށް ދައްކާއިރު މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުގައި ސުޕަމެޖޯރިޓީ ހޯދި އެމްޑީޕީއަށް ލިބިފައި ވަނީ 10 ގޮނޑިއެވެ.

ފައްޔާޒުގެ ޓުވީޓުގައި ޕީއެންސީއަށް މަރުހަބާ ވިދާޅުވެ، އެމްޑީޕީގެ ކެންޑިޑޭޓުން ތިބީ ގައުމުގެ ޑިމޮކްރަސީއަށް ޓަކައިއާއި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަަކާތްތެރިވުމަށް ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

އެ ނަތީޖާއާ ގުޅުވައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، އަލަށް ހޮވުނު މަޖިލީހަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް މަަސައްކަތް ކުރާ މަޖިލީހަކަށް ވާނެ ކަމަށް އެދޭ ކަމަށެވެ.

"އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު މިއަދުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް އެ މަސައްކަތް އެއްވެސް ފަސް ޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީންކުރަމެވެ." ބަޔާނުގައިވެއެވެ.

https://sun.mv/191127

އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖުމުލަ 65 ގޮނޑި އެ ޕާޓީން ކާމިޔާބުކުރިއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް އެ އިންތިޚާބުގައި ކާމިޔާބުކުރެވުނީ އަށް ގޮނޑިއެވެ.

comment ކޮމެންޓް