ވަކި ޕޯޓުތަކަކުން އެކަނި ރާއްޖެއަށް ޒަރޫރީ ތަކެތި ފޮނުވަން އިންޑިއާއިން ނިންމައިފި

ރައީސް މުއިއްޒާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ: އިންޑިއާއިން ވަނީ ޒަރޫރީ ކާބޯތަކެތި އެކްސްޕޯޓުކުރުން ހަނިކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އަވައްޓެރި އިންޑިއާއިން ދީފައި އޮންނަ ޚާއްސަ ހުއްދައެއްގެ ދަށުން އެ ގައުމުން އެތެރެކުރާ ޒަރޫރީ ތަކެތި ރާއްޖެއަށް ވަކި ބަނދަރުތަކަކުން ފޮނުވޭ ގޮތަށް ފިޔަވަޅުތަކެއް އެ ގައުމުގެ ސަރުކާރުން އަޅައިފިއެވެ.

ނިމުނު ނޮވެމްބަރު 2023، ގައި ރާއްޖޭގެ ވެރިކަން ފުރޮޅުމާ އެކު އިންޑިއާއާ އެކު އޮތް ގުޅުންތަކަށް ވެސް ވަނީ ބުރޫއަރައިފައެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވެގެން ގޮސްފައިވަނީ ދިވެހި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ.

މި ހަފުތާގެ ހޯމަ ދުވަހު އިންޑިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް ވަނީ ރާއްޖެއަށް ޒަރޫރީތަކެތި އެކްސްޕޯޓުކުރުމުގައި ފިޔަވަޅުތަކެއް އެޅިކަން ހާމަކޮށްފައެވެ. އެ ވާހަކަތައް އިންޑިއާގެ ބޮޑެތި ނޫސްތަކުން ވަނީ ކަވަރު ކޮށްފައެވެ.

އެގޮތުން، އިންޑިއާއިން ނިންމާފައިވަނީ އެ ގައުމުން އެކްސްޕޯޓުކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް ދޫކުރާ ޒަރޫރީ ތަކެތި މީގެ ފަހުން އެކްސްޕޯޓުކުރެވޭނީ ހަތަރު ކަސްޓަމްސް ސްޓޭޝަނެއް މެދުވެރިކޮށް އެކަނި ކަމަށެވެ. އެއީ:

  • މުންޑްރާ ސީ ޕޯޓު
  • ޓުޓިކޮރިން ސީ ޕޯޓު
  • ނާވާ ޝީވާ ސީ ޕޯޓު (ޖޭއެންޕީޓީ)
  • އައިސީޑީ ޓަގްލަކަބާޑް

ފިޔާ، އަލުވި، ބިސް، ހަނޑޫ، އަދި ހަކުރު ހިމެނޭހެން ނުވަ ބާވަތެއްގެ ޒަރޫރީ ތަކެތި އެކްސްޕޯޓުކުރުން އިންޑިއާއިން އޮތީ މަނާކޮށްފައެވެ. އެކަމަކު، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ 'ނެއިބާހުޑް ފަސްޓް' ޕޮލިސީގެ ދަށުން އެ ތަކެތި ރާއްޖެއަށް އެކްސްޕޯޓުކުރުމުގެ ހުއްދައެއް ވަނީ ދީފައެވެ.

ބާޒާރު މަތީގައި މީހަކު ފިޔާބަސްތާތަކެއް ބާލުވަނީ: ރާއްޖެއަށް ޒަރޫރީތަކެތި އެކްސްޕޯޓުކުރުން ހަނިވާފަދަ ފިޔަވަޅުތަކެއް އިންޑިއާއިން ވަނީ އަޅާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއިން ޒަރޫރީ ތަކެތި އެތެރެކުރަން 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ފަހުން އެންމެ ގިނަ އަދަދެއްގެ ތަކެތި ރާއްޖެއަށް އެކްސްޕޯޓުކުރަން ހުއްދަ ލިބުނީ ވެސް މި އަހަރެވެ. އެގޮތުން، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ޒަރޫރީ ތަކެތި ވެސް އިންޑިއާއިން އެކްސްޕޯޓުކުރާ އަދަދު 25 އިންސައްތައަށް އިތުރުކޮށް 1،000 މެޓްރިކް ޓަނަށް ބަދަލުކުރިއެވެ.

އިންޑިއާއިން ފުށް އެކްސްޕޯޓުކުރުން މަނާކުރީ މޭ، 2022 ގައެވެ. ފިޔާ އެކްސްޕޯޓުކުރުން މަނާކުރީ ޑިސެމްބަރު، 2023 ގައެވެ. އެކަމަކު، ހާއްސަ ހުއްދައެއްގެ ދަށުން އެކުވެރި އަވައްޓެރި ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ވެސް ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއިން ވަނީ އެ ތަކެތި އެކްސްޕޯޓުކޮށްފައެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަށް ހިންގި 'އިންޑިއާ އައުޓް' ކެމްޕޭނާ އެކު ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ބަރޯސާވުން ކުޑަކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅުއްވައިފައެވެ. އެގޮތުން، ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވާން ބޭނުންނުވާ ކަމަށް ވިދާޅުވެ، ތުރުކީން ހަނޑޫ، ހަކުރު، ފުށް ފަދަ ތަކެތި ގެންނަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އަދި، ޔޫއޭއީއާއި ތައިލޭންޑަށް އާސަންދަ ލިބޭގޮތް ހަދައި އިންޑިއާއަށް ބަރޯސާވާ މިންވަރު ކުޑަކުރަން ރައީސް ފިޔަވަޅުތަކެއް އެޅުއްވިއެވެ.

އެފަދަ ފިޔަވަޅުތަކާއި އިންޑިއާ އައުޓް ކެމްޕޭން އަދި ސަރުކާރުގެ ބައެއް ބޭފުޅުން ބޮޑުވަޒީރު މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެގެން ގޮސްފައެވެ.

comment ކޮމެންޓް