އިދިކޮޅުގައި ތިއްބެވިއިރު ލީޑާޝިޕާއި މުޅި ޕާޓީން ވެސް މަސައްކަތްކުރީ އިހުލާސްތެރިކަމާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ކަމަށާއި މިހާރު ހުރިހާ ވެސް މައްސަލައަކީ ރިޔާސީ އިންތިޚާބު ބޮއިކޮޓުކުރަން އެންގެވީމާ އެކަން ނުކުރުން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ޑިސެމްބަރު 25، 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވުމުން ޕީޕީއެމް/ޕީއެންސީގެ ކޯލިޝަން ހިންގުން ވަގުތީގޮތުން ހަވާލުކުރީ އަބްދުއްރަހީމާއެވެ.
އެކަމަކު، އެ މަނިކުފާނު ޖަލުގައި އޮންނެވިއިރު ލީޑާޝިޕުން މަސައްކަތްކުރީ ވެރިކަމަށް އަންނަން ކަމަށް ތުހުމަތުކުރައްވައި ޔާމީން ރޭ ވަނީ މިހާރު ޕީއެންސީގެ ލީޑާޝިޕުގައި ތިއްބެވި ބޭބޭފުޅުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވައިފައެވެ. "ކާޅު ހާލި ހެދީމާ ބިސް އެޅީ ކޮވެލި،" ކަމަށް ވިދާޅުވެ، އެ މަނިކުފާނު ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއެވެ.
އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުން އަދުރޭ މިއަދު ވިދާޅުވީ، ޔާމީން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ.
"ލީޑާޝިޕްގެ އެންމެން އެކީ އެކަތިގަނޑަކަށް ވެގެން، އާންމު މެންބަރުންނާ އެކީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއް ނޫންތޯ މިއަދު ވެރިކަމުގައި ޕީއެންސީ އޮތުން. އެއްގޮތަކަށް ވެސް ރަނގަޅު ވާހަކައެއް ނޫން އެ ދެއްކެވީ،" ޔާމީންގެ ވާހަކަތައް ދޮގުކުރެއްވި ނަމަވެސް ރައްދު ދޭން ބޭނުންފުޅުނުވާކަން ފާހަގަކުރައްވައި، އަދުރޭ ވިދާޅުވިއެވެ.
"ފުރަތަމަ ދުވަހުން ފެށިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް އޮތީ ވަރަށް ބަދަހިކަމާ އެކު. ކަނޑައެޅިގެން އިތުރުފުޅެއް ރައީސް ޔާމީން ވެސް އެ ހައްދަވަނީ. ރައީސް ޔާމީން އޮންނެވީ ޖަލުގައި،"
އޭނާ ވިދާޅުވީ، ބަދަހިކަމާ އެކު ޕާޓީން މަސައްކަތްނުކުރި ނަމަ މިއަދު މި ވެރިކަން ވެސް ނޯންނާނެ ކަމަށެވެ.
އޭރު ޕީޕީއެމް/ޕީއެންސީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ޔާމީނަށް އޭރު ވެސް އިހުލާސްތެރިކަމަށާއި މިއަދު ވެސް އެ މަނިކުފާނާ ދޭތެރޭގައި އޮތީ ލޯތްބާއި އިހުތިރާމުކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ހުރިހާ ވެސް މައްސަލައަކަށްވެގެން އުޅެނީ ނިމުނު ރިޔާސީ އިންތިޚާބު ބޮއިކޮޓުކުރަން ލީޑާޝިޕުން އެއްބަސްވުނުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެއްބަސްނުވެވުނު ކަމަކީ، މިއަދު ހުރިހާ މައްސަލައެއް ދިމާވެގެން މި އުޅޭ ސަބަބަކީ ބޮއިކޮޓުކުރަން އެންގީމާ ބޮއިކޮޓުނުކުރުން،" އޭނާ ވިދާޅުވިއެވެ.
ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީން ފުރަތަމަ ޓިކެޓު އެރުވީ ޔާމީނަށެވެ. އެކަމަކު، ޖަލު ހުކުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އެ މަނިކުފާނު ކެންޑިޑެސީ ބަލައިނުގަތުމުން ޔާމީންގެ އިރުޝާދާ އެއްގޮތަށް ޕީއެންސީން ވެސް ޕްރައިމަރީއެއް ބާއްވައިގެން އެ ޕާޓީގެ ޓިކެޓު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުއްވީއެވެ.
އޭގެ ފަހުން، ޔާމީނަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރުމާ އެކު، އެ މަނިކުފާނު އެންގެވީ އިންތިޚާބު ބޮއިކޮޓުކުރާށެވެ.
އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ސެނެޓުން ފާސްކުރީ އިންތިޚާބައިގެން ކުރިއަށްދާށެވެ. ޔާމީނާއި އެ މަނިކުފާނަށް ވަފާތެރިކަމާ އެކު އޭރު ތިއްބެވި ލީޑާޝިޕުގެ ބޭފުޅުން ރައީސް މުއިއްޒަށް ތާއީދުކުރެއްވީ ވެސް އޭގެ މާ ފަހުންނެވެ. ކެންޑިޑެސީ ހުށަހެޅުއްވީއިރުގައި ވެސް ލީޑާޝިޕުގެ ބޭފުޅަކަށް އެ ތަނަށް ވަޑައިގެންނެވީ އަދުރޭ އެކަންޏެވެ.
އެހެންވެ، މިހާރު ޖެހިގެން އުޅޭ މައްސަލައަކީ އެއީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ޖަމީލެއް ދުވަހަކު ވެސް ރައީސް ޔާމީނަކަށް ހެޔޮއެދިވަޑައެއް ނުގަންނަވާނެ. ދުވަހަކު ވެސް. ހެކި އެބަހުރި އަޅުގަނޑު އަތުގައި،" މިހާރު ޔާމީނާ އެންމެ އަރިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ބޮޑު ތުހުމަތެއް އަމާޒުކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީން މިނިވަންނުވާނެ ހުރިހާ ފޯމިއުލާއަކަށް ޝަރީއަތުގެ ކަންކަން ބައްޓަންކުރަމުން ގެންދިޔަ މީހަކީ ޑރ. ޖަމީލް،"
އަދުރޭ ވިދާޅުވީ، އަދިވެސް ޔާމީނާ ދޭތެރޭގައި އޮތީ ލޯތްބާއި އިހުތިރާމު ކަމަށެވެ. އެކަމަކު، އެ މަނިކުފާނުގެ އަރިހުގައި މިހާރު އުޅުއްވާ ޖަމީލާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަކީ ޔާމީނަށް ހެޔޮއެދިވަޑައިގަންނަވާނެ ބޭފުޅުންނެއް ނޫން ކަމަށް އަދުރޭ ގަބޫލުކުރައްވައެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން މަލީހުގެ ވޯޓެއް ޕީއެންސީގެ ކެންޑިޑޭޓަކަށެއް. މަލީހުމެން ގެނައި ސަރުކާރެއް ނޫން މިއީކީ. މި ސަރުކާރު ގެންނަން އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައިރުގައި ނިމިދިޔަ ސަރުކާރުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުރެގެން އަޅުގަނޑުމެންނަށް ވަގަށް ގޮވި މީހެއް. ރައީސް ޔާމީންވަރުގެ އަނިޔާވެރިއަކު ނެތިގެން އެ ވާހަކަ ދެއްކި މީހާ މަލީހަކީ،" އޭނާ ވިދާޅުވިއެވެ.
ޔާމީންގެ ވެސް ތާއީދާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހުގައި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައިވާއިރު، ޔާމީން ގެންދަވަނީ ސަރުކާރާއި ޕީއެންސީގެ ލީޑާޝިޕަށް ބޮޑެތި ތުހުމަތުތައް އަމާޒުކުރައްވަމުންނެވެ.
އެ މަނިކުފާނު މިނިވަންކުރެއްވުމުގައި އިހުލާސްތެރި ނިޔަތެއް ނެތް ކަމަށާއި އަބަދު ވެސް ލީޑާޝިޕުން އުޅުއްވީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ދޭހަވާ މޭރުމަކުން ރޭ ޔާމީން ވަނީ ވާހަކަދައްކަވައިފައެވެ.
ސިޔާސީ ހަރަކާތްތަކުގައި ގަވާއިދުން ބައިވެރިވެވަޑައިގަންނަވާ ޔާމީން އަދިވެސް ހުންނެވީ ހުކުމުގައެވެ. އިސްތިއުނާފު އަޑުއެހުންތައް ނިމި ހުކުމާ ހިސާބުގައި އޮންނަތާ ހަތަރު މަސްވެފައިވާއިރު، އެ މަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދުގައެވެ.