ޅ. ފެލިވަރުގައި ހިންގާ މިފްކޯގެ މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލް ކުރުމުގެ ބާރު ޕީއެންސީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓަށް ދޭން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކައާ ގުޅިގެން އެ މައްސަލަ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިއްޖެއެވެ.
ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މުޙައްމަދު އަބްދުއްރަހުމާންގެ ކެމްޕެއިން ޖަލްސާއެއްގައި ރޭ މީހަކު ވާހަކަ ދައްކަމުން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ގުޅައި އެއްބާރުލުން ދޭން އަންގަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނާ ގުޅިވަޑައިނުފެންފިނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން އިނގޭތޯ. މިކަންކޮށްގެން ނޫނީ ކާމިޔާބު ކުރުމަށް އަޅުގަނޑުމެންނަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ،" ޕޯޑިއަމްގައި ހުރެ ވާހަކަ ދައްކަމުން އެ މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ދާއިރާގެ ކެންޑިޑޭޓަށް ފެލިވަރު މުވައްޒަފުންގެ ކޮންޓްރޯލް ހޯދައި ދިނުމަށް ރައީސަށް ދަންނަވައިދެއްވުމަށް މިނިސްޓަރުގެ އަރިހުން އެދޭ ކަމަށެވެ.
ލަފާ ކުރެވޭގޮތުގައި އެ ޖަލްސާގައި ކޮންމެވެސް މިނިސްޓަރަކު އިންނެވިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްކަމެއް ޔަގީނެއް ނުވެއެވެ.
މި ވާހަކަ ދެއްކި ވީޑިއޯކޮޅު ރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަން ފަށައިފައެވެ. މިއީ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށް އީސީ ޓެގްކޮށް ދިޔައީ ޝުއޫރުތައް ފާޅު ކުރަމުންނެވެ.
އެއާއެކު އީސީގެ ރައީސް ފުއާދު ތައުފީގު އެކްސްގައި ވިދާޅުވީ އެ ވީޑިއޯގައި ދައްކާ ވާހަކަ ރަނގަޅު ނޫން ކަމަށެވެ. އެހެންކަމުން އެކަމުގައި ފިޔަވަޅު އެޅުމަށްޓަކައި ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމަށް ފުއާދު އެދިވަޑައިގަތެވެ.
އެއާއެކު މީހަކު ވަނީ އީސީއަށް އިސްވެ މިފަދަ މައްސަލަ ބެލުމުގެ ބާރު ނޯވޭތޯ އެކްސްގައި ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ފުއާދު ވިދާޅުވީ އެކޮމިޝަނަށް މައްސަލަ ބެލެން އޮންނަނީ ހުށަހެޅުމުން ކަމަށެވެ. ކޯޓުތަކުން ވެސް ޝަރީއަތް ކުރަނީ އޮންނަ އުސޫލުތަކުން މައްސަލަ ހުށަހެޅުމުން ކަމަށް ވުމުން އީސީއިން އަމަލު ކުރަން ޖެހެނީ އެ އުސޫލުން ކަމަށް ފުއާދު ވިދާޅުވިއެވެ.
މި ފަހުގެ ތާރީހުގައި އޭރަކު އޮންނަ ސަރުކާރަކުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް އަބަދުވެސް ތުހުމަތުތައް ކުރެވެއެވެ. އެގޮތަށް ތުހުމަތު ކުރެވެނީ އެކަމަށް ބާރު ލިބޭ ކަންކަން ސަރުކާރު ތަކުން ކުރަމުން އަންނާތީއެވެ. އިދިކޮޅުގައި އޮންނައިރު ފާޑު ކިޔާ ކަންކަން ވެރިކަން ލިބުމާއެކު ހަމަ އެ ޕާޓީއަކުން ވެސް ދަނީ ކުރަމުންނެވެ.