ފަނޑިޔާރުން މަދުކުރުން: ފައްޔާޒު ގޮވާލެއްވީ މެންބަރުންނާއި ޖުޑިޝަރީން ދެކޮޅަށް ތެދުވާން

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ އަމަން ލަތީފު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ އިސްލާހާ ދެކޮޅަށް މެންބަރުންނާއި ޖުޑިޝަރީން ތެދުވާން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހެކަށް މަަދުކުރުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް އެންމެ ފަހުން ބަދަލުގެނައީ އެމްޑީޕީގެ ވެރިކަމުގައި، އެ ޕާޓީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން 2019ގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފަހަކަށް މަދުކުރި ބެންޗު، ހަތެކަށް އަނެއްކާ ވެސް އިތުރުކުރުމަށެވެ.

https://sun.mv/202938

އެ ބަދަލަށް އިޝާރާތް ކުރައްވައި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ 2019އާއި 2020 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލު ކަމަށެވެ.

"ފަނޑިޔާރުންގެ އަދަދު މަދުކުރަން އެ ކުރާ މަސައްކަތަކީ މުޅި ޖުޑީޝަރީގެ މިނިވަންކަމަށް ދޭ ހަމަލާއެއް. ސަރުކާރުގެ މި ފިނޑި އަދި ހުތުރު އަމަލުގައި ބައިވެރި ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަރިހުން އެދެން. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް މުޅި ޝަރުއީ ދާއިރާއަށް ތެދުވުމަށް ގޮވާލަން،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ސަރުކާރުން ގެންނަން އުޅޭ އިސްލާހަކީ، ޑިމޮކްރަސީ އާއި ޖުޑީޝަރީގެ މިނިވަންކަމުގައި ގައުމެއްގެ ގޮތުގައި ފަހަތަށް އެޅޭ ބޮޑު ފިޔަވަޅެއް. ކަމަށެވެ.

މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން އެ ބިލް ހުށަހެޅީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ ވަކިކުވުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުން ދަނިކޮށެވެ.

އެކަން ފާހަގަކުރައްވައި ފައްޔާޒު ތުހުމަތު ކުރެއްވީ، އެ މައްސަލަ ހުށަހެޅުމާއެކު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ފިޔަވަޅު އަޅައި، ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށެވެ.

"މިހާރު އެ މަސައްކަތް ކުރައްވަނީ ފަނޑިޔާރުން މަދު ކުރުމަށް. މި ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގުމާ ހަމައަށް ކަންކަން ގެންދިޔުމަށް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުރުން، އެމްޑީޕީން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޖުޑިޝަރީ ޒިންމާދާރު ކުރުވާ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައީސްގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު ބަދަލުކުރެއްވީ އިއްޔެކަން އެ ޕާޓީން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ކޯޓުގައި ކުރިއަށްދަނިކޮށް، ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހަށް ވަނީ ހުށަހަޅައިފައި --

އިއްޔެ ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، ޖޭއެސްސީއަށް ނޮވެމްބަރު 23، 2023ގައި އެ މަނިކުފާނު އައްޔަންކުރެއްވި މުޙައްމަދު ސަމީރު މަގާމުން ވަކިކުރައްވައި އެ މަގާމަށް ޔަޒްމީދު މުޙައްމަދު އައްޔަންކުރައްވައިފައެވެ.

އެމްޑީޕީން ވަނީ، މިދިޔަ މަޖިލިސް އިންތިޚާބުގައި ޔަޒްމީދު ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކަމާއި ރައީސް ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށްފައެވެ. އަދި އޭނާއަކީ ގާނޫނީ ދާއިރާގައި ތަޖުރިބާ ހުރި މީހެއް ނޫން ކަމަށާއި އެހެންވެ، މި ބަދަލު ގެނައި ވަގުތުގެ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ޖޭއެސްސީއަށް ބަދަލު ގެނެސްފައިވަނީ، ސުޕްރީމް ކޯޓުން މުހިންމު ދުސްތޫރީ މައްސަލައެއް ބަލަމުންދާ ވަގުތެއްގައި، ބިރު ދެއްކުމަށް ޓަކައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފައެވެ.

އެއާއެކު އެ ޕާޓީން ވަނީ، ރައީސް މަސައްކަތް ކުރައްވަނީ ބާރުތައް އެއްކުރައްވައި ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ބުނެފައެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަނޑިޔާރުންނަކީ:

  • އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
  • ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު
  • ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު
  • ފަނޑިޔާރު މަހާރު އަލީ ޒާހިރު
  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު އަލީ ރަޝީދު ހުސައިން
  • ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހެވެ. އޭގެ ހަތަރު ދުވަސް ފަހުން 24 ވަނަ ދުވަހު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ރައީސް އެ ބިލް ތަސްދީގުކުރެއްވިއެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަހެއްހައި ދުވަސް ފަހުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ.

އެ ކޯޓުގައި މައްސަލަ ބައްލަވަނީ މުޅި ބެންޗުންނެވެ.

comment ކޮމެންޓް