މި ސަރުކާރުގެ މަޝްރޫއުތައް ހިންގަނީ ކުރީ ސަރުކާރުން ހޯދި ފައިސާއިން: ޞާލިޙް

މި ސަރުކާރުގެ މަޝްރޫއުތައް ހިނގަމުން އެ ދަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކަމަށް ވިދާޅުވި -- ސަން ފޮޓޯ: އިބްރާހީމް ޝަމްވީލް

މި ސަރުކާރުގެ މަޝްރޫއުތައް ހިނގަމުން ދަނީ އެ މަނިކުފާނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ފޭދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޞާލިޙް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ވެސް، ރާއްޖޭގެ މާލީ ހާލަތު އޮތީ މާ ރަނގަޅަކަށް ނޫން ކަމަށެވެ. އަދި އެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވީ ފައިސާ ނުލިބުނު ނަމަ، ދަތި ހާލަތަކަށް ދިޔައީސް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުރަތަމަ ވެސް ކުރި ކަމަކީ ބޭނުންވާ ފައިސާ ހޯދުން. އެނގިވަޑައިގަންނަވާނެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ގްރާންޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޯދިން. ކޮންސެޝަނަލް ފައިނޭންސްގެ ގޮތުގައި 500 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޯދިން،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސަރުކާރުން މަޝްރޫއުތައް ފެއްޓީ ޑޮލަރުގެ ދަތިކަން ހުރުމާއެކު، 400 މިލިއަން ޑޮލަރު ވެސް ހޯދުމަށް ފަހުގައެވެ.

އެހެން ނަމަވެސް މިއަދު ފެނިވަޑައިގަންނަވަނީ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން "ރީސައިކަލް ބިން"އަށް އަޅާފައިހުރި އެގްރީމެންޓްތަކުގައި ސޮއިކުރާ މަންޒަރު ކަމަށް ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވާ ގޮތުގައި މި ސަރުކާރުން މިއިން ކޮންމެ ކަމަކުން ވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށެވެ. އޮޅުވާލުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށެވެ.

"އެއީކީއެއް އަދި އެކަން ކުރެވޭނެ ގޮތެއް ނޫން. މިއިން ކޮންމެ ކަމެއް ކުރަމުން މި ގެންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް. ބޭނުމަކީ އޮޅުވާލައިގެން އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެގުން. ބިރުހުރި ކަމެއް އެއީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމަކީ،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ޞާލިޙް ވިދާޅުވީ މި ސަރުކާރަށް ފަސް މަސްވީއިރު، އެމްޑީޕީން މީގެ 20 އަހަރު ކުރިން ކުރަން ޖެހުނު މަސައްކަތް އަނެއްކާ އަލުން ކުރަން ޖެހިފައިވާ ކަމަށެވެ.

"މި ފެންނަނީ ނޫސްތަކަށް ހުރަސްއަޅާތަން. ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް ފެއްޓެވީ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި ކުރަައްވަމުން ގެންދިޔަ ކަންތައްތައް އަޅުގަނޑުމެންގެ ކުރިމަތިން ފެންނަން އެބަހުރި. މިއަދު މި ފެންނަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހުއްޓުވުމަށް ކުރާ މަސައްކަތް،" ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފުލުހުންނާއި ސިފައިންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށާއި އެއީ ބިރުހުރި ކަމެއް ކަމަށެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އޮތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް އެސްއޯ ފުލުހުން ހުރަސްއެޅުމުންނެވެ.

އެ މައްސަލައިގައި ވެސް ޞާލިޙްވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް