އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރާ ކަމަށް ބުނެ ޕީއެންސީއިން އީސީއަށް

ހީނާ ވަލީދު ---

ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރަމުން ދާ ކަމަށް ބުނެ އެ މައްސަލަ, އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން، ސަރުކާރު ހިންގާ ޕީއެންސީއިން ނިންމައިފިއެވެ.

ޕީއެންސީގެ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދޮގު ވާހަކަތައް ފަތުރައިގެން އެމްޑީޕީން އެންޓި ކެންޕޭން ކުރަމުން ދާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

މިގޮތުން ފައިސާ ދީގެން އެމްޑީޕީން ޓްވިޓާ އަދި ފޭސްބުކް ފަދަ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ޕީއެންސީއާ ދެކޮޅަށް ދޮގު ޚަބަރުތައް ނުވަތަ އެންޓި ކެމްޕޭން ކުރަމުން ދާ ކަމަށް ހީނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެހެންވެ، ހީނާ ވިދާޅުވީ އެ ޕާޓީއަށް ތުހުމަތުކޮށް އެމްޑީޕީން ކުރަމުން ދާ އެންޓި ކެންޕޭން މައްސަލަތައް އީސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

"މިއީ ސީދާ އިންތިޚާބުތަކާއި ބެހޭ ގާނޫނާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް. އަޅުގަނޑުމެން މިގޮތަށް އެ ބޭފުޅުން ކުރަމުންދާ އެންޓި ކެމްޕޭން މައްސަލަތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ ވާހަކަ ދަންނަވަން." ހީނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ފަސް އަހަރަކީ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމަށް އެންމެ ދަތިކުރި ދުވަސްތައް ކަމަށެވެ.

"އަނިޔާ ކުރި މައްސަލަތަކާއި ޕެޕާ ސްޕްރޭ ޖަހަމުންދާ މައްސަލަތަކާއި ގާނުނާއި ގަވާއިދާ ޚިލާފަށް އެއްވެސް ކަހަލަ އިންޒާރެއް ފުލުހުން ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރަމުންދާ މައްސަލަތަކާއި މި ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ކެނޑިނޭޅި ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ދިޔައިން" ހީނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެނަށް މި މައްސަލަތަކުގައި ހަގީގަތުގައި އެއްވެސް ކަހަލަ އިންސާފެއް ނުލިބުނު."

ނަމަވެސް މި ސަރުކާރަކުން ސިޔާސީ ވެރިންނަކަށް ބިރެއް ނުދައްކާނެ ކަމަށާއި ސިޔާސީ ވެރިން ހައްޔަރެއް ވެސް ނުކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޕޮލިސީއެއް ނޫން ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށް މިނިވަން ކަމާއެކު ހަރަކާތްތެރިވެވޭނެ މާހައުލެއް އޮތުން ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް