އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެ ޕާޓީގެ ލީގަލް ޑިރެކްޓަރު ހިސާން ހުސައިން އައްޔަންކުރަން ފާސްކޮށްފިއެވެ.
މިކަން ހާމަކޮށް އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހިސާން އައްޔަންވެފައި ވަނީ ގައުމީ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.
ޕާޓީގެ ނައިބު ރައީސް ކަމަށް ހިސާންގެ ނަން ހުށަހެޅުއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ, ހިސާންއަކީ އެ ޕާޓީއަށާއި، ޕާޓީގެ މެންބަރުންނަށް އިހުލާސްތެރި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ މެންބަރެއް ކަމަށާއި އޭނާއަކީ އެ މަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލްގެ އަނބިކަލުން، ހިސާން ވަނީ މީގެ ކުރިން އެ ޕާޓީގެ ޓިކެޓުގައި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ.
އެމްޑީޕީގެ އިސް ލީޑަރުންގެ ލީގަލް ޓީމުގައި ހިމެނިވަޑައިގެންނެވި ހިސާން، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރައްވައިފައިވެއެވެ.
އެމްޑީޕީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު، އޭރު ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުޙައްމަދު ޝިފާޒް ޕާޓީން ވަކިކެވަޑައިގަތުމުންނެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ މެންބަރުން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އުފެއްދީއެވެ.
ރާއްޖޭގައި މިހާރު އޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 51،516 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަންސްގެ ތަފާސްހިސާބުން ދައްކައެވެ.