ސިޔާސީ މަގާމުތައް ދެހާހުގައި، ޕޭރޯލް ހުރީ އެއް ބިލިއަނުން މަތީގައި: ޣަފޫރު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މެންބަރު ޣަފޫރު ވިދާޅުވީ ސިޔާސީ މަގާމުތައް ހުރީ ދެހާހުގައި ކަމަށް -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ސިޔާސީ މަގާމުތައް ދެހާހާ ގާތްކުރާ ކަމަށާއި، ޕޭރޯލް މިހާރު ހުރީ އެއް ބިލިއަނަށް ވުރެ މަތީގައި ކަަމަށް ހަނިމާދޫ ދާއިރާގެ އިދިކޮޅު އެމްޑީޕީގެ މެންބަރު އަބްދުލްޣަފުރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް ހާމަނުކުރާތީ އެމްޑީޕީ މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ހާމަކުރުމަށް ގޮވާލައި އެ ޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ސިޔާސީ މަގާމުތަކުގައި ދެހާހާ ގާތްކުރާ އަދަދަކަށް މީހުން އެބަތިބި ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމާ ގުޅިގެން ކުރިއާ އަޅާ ބަލާއިރު ދައުލަތުގެ ޕޭރޯލް ކޮންމެ މަހަކު އެތައް މިލިއަނެއް އިތުރުވެފަައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް ދެހާހާ ގާތްކުރާ އަދަދުގައި އެބަހުރި. އެއް ބިލިއަން މަތިން ޕެރޯލް އެބައަރާ. އިތުރަށް 100 މިލިއަނެއްހާ ރުފިޔާ މަހަކަށް އެބަ އިތުރުވޭ. މި ސަރުކާރުގެ ރިކަރަންޓު ޚަރަދު ބޮޑު ވަނީ އެހެންވެ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފުރު މޫސާ

ޣަފޫރު ވިދާޅުވީ، ދައުލަތަށް ކުރިއާ އަޅައި ބަލާއިރު ވަންނަ އާމްދަނީ މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް މި ސަރުކާރުން އާމްދަނީ ރަނގަޅަށް މެނޭޖުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޚަރަދުކުޑަކުރުމަށްޓަކައި ސަރުކާރުން ރިކަރަންޓު ޚަރަދު ވެސް ދަށްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ކުރާ ކަމަކީ ބަހަނާއެއްގެ ގޮތުގައި ކޮންމެ ކަމަކަށް ވެސް "ކުރީ ސަރުކާރު"ގެ ނަން ބޭނުން ކުރުން ކަމަށެވެ. އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށާއި، އާ ސަރުކާރެއް ރައްޔިތުން ގެނައީ ކުރީ ސަރުކާރުން ކަންކަން ކުރިގޮތް ގޯސްވެގެން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މެންބަރު ނާޒިލް ބޭރަށް ކުރާ ދަތުރުތަކަށް ކުރާ ކަރަދު މާ ބޮޑު ކަމަށް -- ފޮޓޯ/ މަޖިލިސް

ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރުގެ ވާހަކަތަކަށް ބާރުދެއްވައި އެމްޑީޕީ ޕީޖީގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، ޚަރަދުކުޑަކުރުމުގެ ނަމުގައި ފިޔަވަޅުތައް އަޅަމުންދާއިރު ސަރުކާރުން ބޭރަށް ކުރާ ދަތުރުތަކަށް ވެސް ބޮޑެތި އެތައް ޚަރަދެއް ދާ ކަމަށެވެ.

އެ ވަޑައިގެންނެވީ ޗައިނާއަށް ފަންޑްސް ހޯދަން ނުވަތަ ޕްރޮޖެކްޓްސް ހޯދަން އިގްތިސާދީ ކަންކަމަށް އެ ވަޑައިގަތީ ތިން ވަޒީރުން. ކީއްވެތޯ އިކޮނޮމިކް މިނިސްޓަރު ވަޑައިނުގަތީ؟ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް

ނާޒިލް ވަނީ ކަމާ ނުބައްދަލު ބޭބޭފުޅުން ފޮނުވައިގެން ސަރުކާރުން ކުރަންވާ ވަރަށް ވުރެ އިތުރަށް ޚަރަދުތައް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް އިންކާރު ކުރަމުންދާތީ އެ މައުލޫމާތު ހާމަކުރުމަށް ސަރުކާރަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ވަނީ ބޭރުކޮށްފައެވެ.

އެ ފަހުން މިމަހުގެ ނުވަ ވަނަ ދުވަހު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ އެ މައްސަލައާ ގުޅުން ހުރި، ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން އައްޔަނުކުރުން ހުއްޓުވުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ވެސް ބޭރުކުރިއެވެ.

ޕީއެންސީން ބުނާ ގޮތުގައި މަޖިލީހުގައި ބޭކާރު މަސައްކަތްތައް ކުރުމަށް ފުރުސަތެއް ނުދޭނެއެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މަގާމުތައް 700 ގައި ހިފަހައްޓާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް މިހާތަަނަށް އެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް