ކެމްޕޭނަށް ޕީއެންސީން ދައުލަތުގެ ވަސީލަތް ބޭނުންކުރާކަމަށް ބުނެ ކުށްވެރިކޮށްފި

ރައީސް ގއ. ކޮނޑޭއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއިން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އެ ކަން ކުށްވެރިކޮށް ބަޔާނެއް މިއަދު ނެރެފިއެވެ.

ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ އިންތިޚާބާ ދިމާކޮށް އެކި ވައުދުތައް ވުމަކީ ވޯޓުލާ މީހުންނަށް މިނިވަންކަމާއެކު ކެންޑިޑޭޓަކު ޚިޔާރުކުރުމަށް ހުރަސްއެޅި ފޯރުވޭ ނުފޫޒެއް ކަމަށެވެ.
ހަމައެއާއެކު ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަން ފާހަގަވާކަމަށާއި ވެރިކަން ކުރާ ޕާޓީއަށް އެކަމުގެ ނާޖާއިޒް ފައިދާތައް ހޯދަމުން އަންނަ ކަމަށެވެ.

މިއީ ޑިމޮކްރެޓިކް ވެއްޓެއްގައި އިންތިޚާބުތަކުގައި ފެންނަންވާނެ ވާދަވެރިކަމާ ދެކޮޅު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓައިލުމަށް ވަނީ ގޮވައިލައިފައެވެ.

ހަމައެއާއެކު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމާއެކު ބޮޑެތި މަޝްރޫއުތައް ކެމްޕޭން ދަތުރުތަކުގައި އިއުލާންކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރި މިންވަރު އިތުރުވެފައިވާކަމަށާއި ދައުލަތުގެ ކުންފުނިތަކުގެ ބޭނުން ވެސް ސިޔާސީ މަގްސަދު ހާސިލްކުރުމަށް ހިފަމުން އަންނަކަމަށް ބުންޏެވެ.\

އެއާއެކު ޓްރާންސްޕޭރެންސީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް، އެ ކޮމިޝަނުން އެ ފަދަ ކަންކަމާމެދު ފާރަވެރިވެ އުސޫލުތައް ތަންފީޒުކުރުމަަށް ގޮވައިލައިފައެވެ.

ހަމައެއާއެކު އެޓާނީ ޖެނެރަލްގެ އޮފީހަށާއި އޭސީސީއާއި މަޖިލީހުގެ އިތުރުން ކަމާ ގުޅުންހުރި އެހެން އިދާރާތަކަށް މި ފަދަ ކަންކަން ހުއްޓުވޭނެ ހަރުދަނާ ގާނޫނީ ނިޒާމެއް ފަރުމާކުރުމަށް ވެސް އެދިފައެވެ. އަދި ނިޒާމުގެ ތެރެެއިން އެ ފަދަ ފަރާތްތައް ޒިންމާދާރުކުރުވުމަށް ހުރި ހުރަސްތައް ނައްތައިލަން މަސައްކަތްކުރުމަށް ގޮވައިލައިފައެވެ.

އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ އިންތިޚާބުގެ ކެމްޕޭނަށް ޕީއެންސީން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާކަމަށް ތުހުމަތުކުރަމުންނެވެ.

comment ކޮމެންޓް