އެމްޑީޕީއަށް މަޖިލިސް ގެއްލިޖެނަމަ 2013 އަށްވުރެ ޚުދުމުހުތާރު ވެރިކަމަކަށްވާނެ: ފައްޔާޒް

ފައްޔާޒް ކެންޕޭން ހަރަކާތުގައި --- ފޮޓޯ/ އެމްޑީޕީ

ކުރިއަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް މެޖޯރިޓީ ގެއްލިއްޖެނަމަ 2013 އަށްވުރެ ޚުދުމުހުތާރު ވެރިކަމަށް ދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި މާފަންނު މެދު ދާއިރާގެ ވާދަކުރައްވާ ހަސަން ޢިއާދު ސަލީމްގެ ކެންޕޭން ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

މި ކެންޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މިއަދު ފެންނަނީ ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ މިސްރާބު 'އަނދަވަޅަކާ ދިމާލަށް' ދާ ތަން ކަމަށެވެ.

"އެކަމަކު މިއަދު މި ފެންނަނީ އެ މުޅިން އަނބުރާލާ ފަހަތަށް ގޮސް ޚުދުމުހުތާރު ވެރިއަކު ބޭނުންވާ ގޮތަށް ދިވެހި ރައްޔިތުން ކަންކަން ކުރަން ޖެހޭ ހިސާބަށްދާ މަންޒަރު. މިސްރާބު ވަރަށް ސާފުކޮށް އަޅުގަނޑުމެނަށް އެބަ ފެނޭ،" ފައްޔާޒް ވިދާޅުވިއެވެ.

ކެންޕޭން ހަރަކާތުގެ ތެރެއިން ---- ފޮޓޯ/އެމްޑީޕީ

އެއާއެކު، ފައްޔާޒް ވިދަޅުވީ މިދިޔަ ފަސް މަސް ދުވަހު މި ސަރުކާރުން ކަންތައް ކުރަމުންދާ ގޮތަށް ބަލާއިރު ސަރުކާރުގެ ނިޔަތާއި މި ގައުމު ގެންދަން އުޅޭ ތަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

ނިމުނު ސަރުކާރުގައި ރައްޔިތުން ވަރަށް މިނިވަންކޮށް އުޅުނުކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ ގާނޫނާއި ގަވާއިދާއި އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކޮންމެ ފަރުދަކަށް ފުރިހަމައަށް މިނިވަންކަން ލިބެން ޖެހޭނެ ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ.

"ހިތަށް ވެސް ގެންނަން ވެސް ނޭންގޭހާ އެތައް ކަމެއް ހިނގައި ގޮއްސަ އޮތީ. އަނެއްކާ މިދަނީ އެދިމާލަށް ކަމާމެދު ތި ބޭފުޅުން ޝައްކު ނުކުރައްވާ،"

"އަޅުގަނޑުމެނަށް 2013 އިން ފެނުން ވެރިކަމަށް ވުރެ ޚުދުމުހުތާރުކަން ބޮޑު ވެރިކަމަކާ ދިމާލަށް ދާނެ އަޅުގަނޑުމެންގެ މި ދިފާއީ ކަންތައްތައް، ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށް ސަރުކާރުގެ ފަރާތުން މި އޮންނަނީ މަޖިލިސް. އެހެންމަ މަޖިލިސް ގެއްލިއްޖެ ކަމަށްވަންޏާމުން އެކަން އެގޮތަށް ވާނެ ކަމާމެދު ޝައްކެއް ނެތް،" ފައްޒާޔް ފާހަގަކުރެއްވިއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ ޚުދުމުހުތާރު ވެރިކަމަށް ނުގޮސް މި އޮތީ މިހާރު މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަތުގައި އޮތީމައި ކަމަށެވެ.

comment ކޮމެންޓް