ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ސަފުތައް ހީނަރު ނުވާ ކަމަށާއި މުޅި ޕާޓީ އޮތީ ރައީސް ޑރ.މުޙައްމަދު މުއިއްޒާއެކު ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިރޭ ވިދާޅުވެއްޖެއެވެ.
ޣައްސާން އެ ފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމް/ ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުއިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެ ވަހާކައަށް ރައްދު ދެއްވައި ޣައްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު އިންތިޚާބަށް ނިކުމެވަޑައިގަތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެންގެވި ފޯމިއުލާއެއްގެ ތެރެއިން ކަމަށެވެ.
ބެލެވޭ ގޮތުގައި އެ ވިދާޅުވި ފޯމިއުލާއަކީ ރައީސް ޔާމީން ޑރ. މުއިއްޒު އިންތިޚާބަށް ނެރެން އެންގެވި އެންގެވުމެވެ. އަދި ހަމައެއާއެކު ޣައްސާން ވިދާޅުވީ ރައީސް ޑރ، މުއިއްޒު ނިކުންނެވީ އެ ކޯލިޝަންގެ ލީޑަރުންނާއި ސެނެޓުން އިންތިޚާބުކޮށް ޕާޓީގެ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއިދާއެކު ކަމަށެވެ.
އެއާއެކު، މިއަދު ވެސް އެ ކަން އޮތީ އެހެން ކަމަށާއި ޕީޕީއެމް ޕީއެންސީން ދަނީ ރައީސް މުއިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ހަރަކާތްތެރި ވަމުން ކަމަށެވެ.
"ސަފުތަކަށް ހީނަރު ކަމެއް ނާދޭ. އިންޝާ ﷲ ނުވެސް އަންނާނެ" ޣައްސާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އޭނާ ވިދާޅުވީ، އެ ފަދަ ވިސްނުމެއް ދެ ޕާޓީން ވެސް ނުގެންގުޅޭ ކަމަށާއި ދެ ޕާޓީގެ ލީޑަޝިފަށް ހީނަރު ކަމެއް ނާންނަ ކަމަށެވެ.
މީގެއިތުރުން، ޔާމީންގެ ވާހަކައަށް ރައްދު ދެއްވައި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަށް ހެޔޮ އެދޭ ބޭފުޅުން ހަގީގަތާ ޚިލާފު ވާހަކަ ދައްކަވާ ރައްޔިތުންގެ ނަފުރަތު މި ސަރުކާރަށް އަމާޒު ކުރައްވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
އެ ޕާޓީއަށް ހެޔޮ އެދޭ ބޭފުޅުން ތިއްބަވާނީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގައި ކަަމަށް ޝިޔާމް ވިދާޅުވިއެވެ.
"ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކާމިޔާބީއަކީ ޕީޕީއެމްގެ ދިރުމާ ކާމިޔާބު" ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު ރައީސް ޔާމީން ތަކުރާރުކޮށް ގެންދަވަނީ ޕީޕީއެމާ މެދު ޕީއެންސީން ކަންކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.