ނައިބު ރައީސް އަދި ހިލާލީގެއަށް ބަދަލު ވެސް ނުވޭ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމީ ގެކޮޅު ހިލާލީގެއިން ނުކުމެވަޑައިގެންފި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ މަނިކުފާނު މިއަދު ދޮގު ކުރައްވައިފިއެވެ.

ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލާލީގެއިން ނުކުމެވަޑައިގެން ނައިބު ރައީސް ވަނީ ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގަތީ، ސަރުކާރުގެ ތެރެއިން ޖާސޫސްކުރާތީ ކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު، ނައިބު ރައީސް ހުސައިން ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.

ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވަނީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި، އެފަދަ ވާހަކަތައް ފަތުރައިގެން މުޖުތަމައި ފަސާދަކުރުން ހުއްޓާލުމަށް އެ މަނިކުފާނު ވަނީ ގޮވާލައްފާއެވެ.

ރަސްމީ ގެކޮޅު، ހިލާލީގެއިން ނައިބު ރައީސް ނުކުމެވަޑައިގެން ކަމަށް ބައެއް މީޑިއާތަކުން އަޑު ފަތުރާފައިވާއިރު، އެ މަނިކުފާނު އަދި ހިލާލީގެއަށް ބަދަލުވެވަޑައެއް ނުގަންނަވައެވެ. އެ ތަނުގައި އަދިވެސް އަންނަނީ މަރާމާތުތަކެއް ކުރަމުންނެވެ.

ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ހާއްސަކޮށްފައިވާ ގެކޮޅެވެ.

މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ދިރިއުޅުއްވީ ހީލާލީގޭގައެވެ.

comment ކޮމެންޓް