ޅޮސްއަލަފުށި ދައުލަތަށް ނަގައި، ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަނީ

ރައީސް ކުރެންދޫ ކައުންސިލާ ބައްދަލުކުރެއްވުން: ޅޮސްއަލަފުށި ދައުލަތަށް ނަގައި، ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ޅ. އަތޮޅުގައި އޮންނަ ޅޮސްއަލަފުށި، އެ އަތޮޅުގެ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިއަދު ފާދިއްޕޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ކުރެންދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއަށް ބައްދަލުކުރެއްވުމަށް ފަހު ވިދާޅުވީ، 2،000އަށް ވުރެ ގިނަ ރައްޔިތުންގެ އާބާދީއެއް އޮތް ރަށަށް އިތުރަށް ބިން ބޭނުންވާ ކަމަށެވެ. އަދި އެ ރަށުގެ ފަޅު ހިއްކި ނަމަވެސް ކުރެންދޫގެ ތަރައްގީއަށް ބޭނުންވާ މިންވަރުގެ ޖާގައެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، އެ ރަށުގެ ދާއިމީ ތަރައްގީއަށް ޓަކައި، ކުރެންދުއާ މާ ދުރުނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ރަށާ ގުޅުންހުރި މުއާމަލާތްތަކަކާއި އެއްބަސްވުންތަކެއް މީގެ ކުރިން ހަދާފައިވާ ކަމަށާއި ރަށް ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެންވީމަ އަޅުގަނޑު ކައުންސިލްގެ ބައްދަލުވުމުގައި ދެންނެވި ގޮތަށް، އެ ހުރިހާ އެގްރިމެންޓުތަކަކުން އެ ރަށް ވަކިކޮށް، އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ވެސް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަންކޮށް... ޅޮސްއަލިފުއްޓަކީ ކުރެންދޫގެ ބައެއް ގޮތުގައި ހަމަޖައްސަދޭން އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރެންދުއަށް އެންމެ މުހިންމު ކަމަކީ ޅޮސްއަލިފުށި ހޯދުން ކަމަށާއި އެ މަސައްކަތަށް އިސްކަން ދެއްވާނެ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެެޓު އެޅިއެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި މަތީ ފެންވަރުގެ ފްލެޓު އަޅައި ވިއްކަން އެ ކުންފުންޏަށް ނާދީއާއި އޯޑިއޯން ހުރި ބިމާއި ރިސޯޓެއް ހަދަން ޅޮއްސަލަފުށި ވެސް އޭރު އެ ކުންފުންޏަށް ދިނެވެ.

އެހެން ނަމަވެސް މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2017ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިއެވެ.

އެ މައްސަލައިގައި ތިން ބިލިއަން ރުފިޔާ ނުވަތަ 200 މިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް ނަގައި ދިނުމަށް އެދި ޓާޓާއިން މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލަ ޓާޓާއަށް ކާމިޔާބުވާނެ ކަމަށް ލަފާކުރެވުމުން ކުރީ ސަރުކާރުން 2022ގައި ނިންމީ، ރިސޯޓް ހަދަން ޅޮސްއަލަފުށި ދޭން އެއްބަސްވާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، ލަގްޒަރީ ވިލާ އަޅަން ޓާޓާއަށް ބިން ދޫކުރުމަށެވެ.

comment ކޮމެންޓް