ފާޑުކިޔުމަށް މަރުހަބާ ކިޔަން، ފިޔަވަޅެއް ނާޅާނަން: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ޅ. ކުރެންދޫގައި: ރައީސް ވިދާޅުވީ ފާޑުކިޔުމަށް މަރުހަބާ ވިދާޅުވާ ކަމަށާއި ފާޑުކިޔުމުން ފިޔަވަޅެއް ނާޅާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑުކިޔުމުން ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކަށް ފިޔަވަޅު އެޅި ކަމަށް ބުނެ ފަތުރާ ވާހަކައަށް އެ މަނިކުފާނު ރައްދުދެއްވައި، އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ޅ. ކުރެންދުއަށް ވަޑައިގެން ވިދާޅުވީ، ސޯޝަލް މީޑިއާގައި އެ މަނިކުފާނަށް ފާޑުކީ މުވައްޒަފަކަށް ފިޔަވަޅު އެޅި ކަމަށް ބުނާ ޚަބަރެއް ދާދި ފަހުން ނޫހަކުން ފެނުނު ކަމަށެވެ.

ރައީސް އިޝާރާތް ކުރެއްވީ، ސަރުކާރާއި ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކި އެސްޓީއޯގެ މުވައްޒަފެއްގެ މަގާމު ދަށްކުރި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކަށެވެ. އެ ޚަބަރުގައި ރައީސް އޮފީހުގެ އޮފިޝަލަކަށް ހަވާލާދީ ބުނެފައިވަނީ އެ ފިޔަވަޅު އެޅީ ރައީސް އަންގަވައިގެން ކަމަށެވެ.

ރައީސް ވިދާޅުވީ އެ ޚަބަރު ފެނުމާއެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ގުޅުއްވައި އެކަމާ ބެހޭ މައުލޫމާތު އެއްސެވި ކަމަށެވެ.

"ދެން އެކަމު އެމްޑީ ވިދާޅުވި އެކަހަލަ ކަމެއް ނޫނޭ، އެއަށް ވުރެ މާ ސީރިއަސް ކަންތައްތަކެކޭ. ތިމަންނަމެންގެ ކުންފުނީގެ އުސޫލުތަކާއި ތިމަންނަމެންގެ ކުންފުނީގެ ޕޮލިސީގެ ތެރެއިން ކުރިއަށްދިޔަ ކަންތައްތަކެކޭ އޮންނާނީ ގެންގޮސް، އަޅުގަނޑު ދަންނަވާފައި އޮންނާނެ މިހާރު އެމްޑީއަށް ރައްޔިތުންނަށް ސާފު ކޮށްދޭށޭ ވީގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ރައްޔިތުންގެ އަޑުއައްސަވަން ކަމަށާއި، އެ މަނިކުފާނަށް ފާޑުކިޔަން ވެސް ޖެހޭނެ ކަމަށެވެ.

"އެއީ އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅެއް އަޅާކަށް، އެކަހަލަ ކަންތައް ކުރާ މީހެއްނޫން އަޅުގަނޑަކީއެއް އެއްވެސް އިރެއްގައި. ގާނޫނާއި ގަވާއިދާ އެއްގޮތަށް ހަމަ ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ވިދާޅުވެވެން ވާނެ އަދި ހިތްހަމަނުޖެހެންޏާ ހަމަ ބޭނުންވާ ހުރިހާ ވާހަކައެއް ދެއްކެން ވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާއި ސަރުކާރާއި ކުންފުނިތަކާއި ވެރިކަން ކުރާ ޕާޓީތަކުގެ މަޖިލިސް މެންބަރުން ވެސް ސާފުކޮށް، ތެދު ބަހުން ވާހަކަދައްކަވާ ނަމަވެސް ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ހަގީގަތް އޮޅިވާލަން މަސައްކަތް ކުރާ ކަމަށެވެ.

"[ތެދަށް ބުނުމުން] އޭގެ ޖަވާބުގައި އެހެން ފަރާތްތަކުން ހަދަނީ ހުސް ދޮގު، ތެދެއް ނެތް ދޮގުތައް ހަދަމުން ދަނީ. އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ ރައްޔިތުން ވިސްނާވަޑަިއގެން ސާފު ބަހުން ތެދު ބަހުން ދައްކާ ވާހަކަ ޚިޔާރު ކުރައްވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިއަދު ޅ. އަތޮޅަށް ފެއްޓެވި ދަތުރުގައި ތިން ރަށަކަށް ޒިޔާރަތްކުރައްވައި، އެ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް