ދިވެހީންގެ ރާއްޖެ ބިނާކުރަން އަދި އެއް ދައުރު ބޭނުންވާނެ: އަދުރޭ

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އަބްދުއްރަހީމް: އޭނާ ވިދާޅުވީ ދިވެހީންގެ ރާއްޖެ ބިނާކުރަން އިތުރު ދައުރެއް ބޭނުންވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކޮށް، "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުރު އެއް ދައުރު ދޭންޖެހޭ ކަމަށް އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެއްވުމުގެ އަމާޒުގައި ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ވަނީ ކ. ގުރައިދޫއަށް ވަޑައިގެންފައެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުވުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައީ ވަކި މީހެއްގެ ހައްގުގައި ނޫން ކަމަށެވެ.

ވެރިކަން ހޯދަން ނިމުނު ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރީ ގައުމުގެ ހައްގުގައި "ދިވެހީންގެ ރާއްޖެ" ހޯދައި ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރަންކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ކަންކަމުން އަރައިގަނެ، ދިވެހީންގެ ރާއްޖެއެއް ބިނާކުރަން ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން ވެސް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި، "ބަޔަކު ހަސަދަވެރިވެގެން" ވެރިކަމާ ދެކޮޅަށް ފިތުނަ އުފެއްދި ނަމަވެސް ޕީޕީއެމް/ޕީއެންސީން ތިބީ ވަރަށް ސާބިތުކަމާ އެކު ސަރުކާރާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ކައުންސިލްތަކާ އެކު ވަރަށް ގާތުން ގުޅިގެން ކަމަށެވެ. އެއީ، މީގެ ކުރީގެ ވެރިކަންތަކުގައި އެއްވެސް ވަރަކަށް ފެނުނު މަންޒަރެއް ނޫންކަން ފާހަގަކުރައްވައި އޭނާ ވަނީ ފުރުސަތު ބޭނުންހިފަން ގޮވާލައްވައިފައެވެ.

އަބްދުއްރަހީމް މިއަދު ގުރައިދޫގައި: ވިދާޅުވީ ރައީސަށް އަދި އެއް ދައުރު ދޭންޖެހޭ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"އަޅުގަނޑުމެން ބިނާކުރަން މި އުޅޭ ރާއްޖެ އިރާދަކުރެއްވިއްޔާ 10 އަހަރުން އަޅުގަނޑުމެން ބިނާކުރާނަން. އަޅުގަނޑުމެން އަމާޒު ހިފާފައި މި ހުރީ ހިތްދަތިވާ ބަޔަކު ހިތްދަތިވިޔަސް 10 އަހަރު ރައީސް މުއިއްޒަށް މި ގައުމުގެ ވެރިކަންކުރަން ފުރުސަތު ހޯދައިދޭން،" އަދުރޭ ވިދާޅުވިއެވެ.

"ފަސް އަހަރު ދުވަހަކުން މިއަދު މި ގައުމު ވެއްޓިފައި މި އޮތް އަނދަވަޅަކުން އަރައެއް ނުގަނެވޭނެ،"

އޭނާ ވިދާޅުވީ، އަދި ތިން މަހެއްހައި ދުވަސްވީ މި ސަރުކާރަށް އިތުރު ފަސް އަހަރު ދޭންޖެހެނީ ރައްޔިތުންގެ ކަންކަން ފުއްދުމަށްޓަކައި ކަމަށެވެ. އެގޮތުން، މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅު ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކައިރީގައި ދަތުރުކުރަން ތިބި ބޭފުޅުން ވަރުބަލިވާއިރުގައި ވެސް ރައީސް ހީވަގިކަމާ އެކު ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށްޓަކައި ރައީސް ހާއްސަ އިސްކަމެއްދެއްވައި ކަމަށެވެ.

ރައީސް މުއިއްޒު، ކ. ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިން: އެ ޖަލްސާގައި އަބްދުއްރަހީމް ދެއްކެވީ ދެވަނަ ދައުރެއްގެ ވާހަކަ -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން، އޭނާ ވަނީ އޭޕްރީލް މަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ސަރުކާރަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ވޯޓުދޭން އެދިވަޑައިގެންފައެވެ. ސަރުކާރުން ކުރަން ވައުދުވާ ކަންކަން ކުރެވޭނީ މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހިތްވަރުހުރި ބުންވަރުހުރި ފަޅުވެރިންކޮޅެއް ނެތިއްޔާ ކިހިނެއްތޯ އަޅުގަނޑުމެން މަންޒިލަށް ދަތުރުކުރާނީ. އަޅުގަނޑުމެން ކުރާން މި އުޅޭ ދައުރަކީ ދިގު ދަތުރެއް،" އަދުރޭ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރީގައި ވެސް އަދުރޭ ވަނީ އެ މަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭނެ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދު ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ވެސް ނުސީދާ ގޮތެއްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދުރޭ ގެންދަވަނީ ޕީޕީއެމް/ޕީއެންސީ ދޫކުރައްވައި ވަޑައިގެންނެވި އެ ކޯލިޝަންގެ ލީޑަރުކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވާ ވެސް ނުސީދާ ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

comment ކޮމެންޓް