މުސާރަ ނަންގަވައިގެން ނަޝީދު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާތާ މަހަކަށްވުރެ ގިނަ ދުވަސް

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުކަމުން އިސްތިއުފާނުދެއްވައި މުސާރަ ނަންގަވައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

މަޖިލީހުގެ ރައީސަކަށް މި ދައުރުގެ ބޮޑު ބައިގައި ހުންނެވި ނަޝީދު އެ މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީން އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދެވަނަ ފަހަރަށް ހުށަހެޅުމާ ގުޅިގެންނެވެ. އެއަށް ފަހު، ޑިސެމްބަރު 12، 2023 ގައި އެ މަނިކުފާނު ވަނީ ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން އިއުލާނުކުރައްވައިފިއެވެ.

އަދިވެސް މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާނުދެއްވައި ހުންނެވި ނަޝީދު، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 30 ގައެވެ.

ނަޝީދު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުނުވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

https://sun.mv/188101

މި ކަމާ ގުޅިގެން މަޖިލީހަށް ވަކި އެއްޗެއް އަންގާފައިވޭތޯ އެ އިދާރާގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއުއާ ސުވާލުކުރުމުން ވަކި ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.

އެ ކަމާ ގުޅިގެން, ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ 'ސަން'އިން ސުވާލުކުރުމުން ވިދާޅުވީ ނަޝީދު އަދިވެސް ހުންނެވީ މެންބަރުކަމުގައި ކަމަށާއި އެ މަނިކުފާނު ދިރިއުޅުއްވުން ރާއްޖެއިން ބޭރަށް ބަދަލުކުރެއްވީ ބަޔާނެއް ނެރުއްވާފައި ކަމަށެވެ.

އެހެންވެ، އެ ކަމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އޭނާ ބަލަންޖެހޭނެ ކަމެއް ނެތް ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަޝީދު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވުމަކީ އެ މަނިކުފާނުގެ އަމިއްލަފުޅު ޒާތީ ދިރިއުޅުއްވުމާ ގުޅޭ ކަމެއް ކަމަށެވެ. އެ ކަމުގައި އެ ޕާޓީއަށް ވަކި އެއްޗެއް އަންގަން ނުޖެހޭނެ ކަމަށާއި ޕާޓީން ސާފުކުރަންޖެހޭ ކަމެއް ވެސް އޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/188126

މަޖިލީހުގެ އިދާރާއިން މީގެ ކުރިން މިދިޔަ ޖެނުއަރީ މަހު 31 ގައި ބުނެފައިވަނީ ނަޝީދު ދިރިއުޅުއްވުން ގާނާއަށް ބަދަލުކުރެއްވިކަން އެ އިދާރާއަށް އަންގާފައިނުވާ ކަމަށެވެ.

އަދި، އެ މަނިކުފާނު މާގާމުން ޗުއްޓީ ނުނަންގާވާ ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމުސީލުކުރައްވަން ބާކީ އޮތް ތިން މަސް ދުވަހު، މަގާމުގެ އިނާޔަތްތަކާއި މުސާރަ ހިނގާނެ ކަމަށް މަޖިލީހުން އޭރު ބުންޏެވެ.

ސިޔާސީ ދާއިރާއިން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރައްވައި ރާއްޖެ ދޫކުރެއްވި ފަހުން މިއަދަށް މަހަކަށް ވުރެ ގިނަ ދުވަސްވީއިރު އެ މަނިކުފާނު ގެންދަވަނީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ފާޑުވިދާޅުވެ ޓުވީޓުކުރައްވަމުންނެވެ. އަދި، މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހާޒިރުނުވާތީއާއި ޖަލްސާތައް ނުބޭއްވި ގިނަ ދުވަސްވާތީ ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްއިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.

މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް އެމްޑީޕީން އިސްވެ ދެ ފަހަރަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. ދެ ފަހަރު ވެސް މަޖިލީހުގެ ޖަލްސާތަކަށް އެކިއެކި ނަންނަމުގައި ހުރަސް އެޅުއްވިއެވެ. އެކަމަކު، އިތުބާރުގެ މައްސަލައިގައި އަޅުވާ މަޖިލީސް ނުހުއްޓުވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ އެކު ނަޝީދު އަމިއްލަފުޅަށް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވީއެވެ.

ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދު ފުރަތަމަ މަޖިލިސް މެންބަރުކަން ކުރެއްވީ 1999 ވަނަ އަހަރެވެ.

އޭގެ ފަހުން 2005 ގައި ނަޝީދު އެމްޑީޕީ އުފައްދަވައި، އޭގެ ދެ އަހަރު ފަހުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތެވެ. ނަމަވެސް ދައުރު ނުނިމެނީސް ކޯލިޝަން ރޫޅި، އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ މަނިކުފާނު ފެބްރުއަރީ 7، 2012 ގައި އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާދެއްވީއެވެ.

comment ކޮމެންޓް