ނަޝީދު، ދިރިއުޅުން ގާނާއަށް ބަދަލުކުރެއްވިކަން މަޖިލީހަށް ނާންގަވާ

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު: އެ މަނިކުފާނު ވަނީ ދިރިއުޅުން ވަގުތީގޮތުން ގާނާއަށް ބަދަލުކުރައްވާފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާ ތަމުސީލުކުރައްވަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ މަޖިލީހުގެ އިދާރާއަށް ނާންގަވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން'އަށް ވިދާޅުވީ، ނަޝީދު މަޖިލީހުގައި އަދާކުރައްވާ ޒިންމާއާ ގުޅޭ ގޮތުން މަޖިލީހަށް ވަކި އެއްޗެއް އަންގަވާފައިނުވާ ކަމަށެވެ.

އަދި، އެ މަނިކުފާނު މާގާމުން ޗުއްޓީ ނުނަންގާވާ ކަމަށާއި، މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމުސީލުކުރައްވަން ބާކީ އޮތް ތިން މަސް ދުވަހު، މަގާމުގެ އިނާޔަތްތަކާއި މުސާރަ ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ނަޝީދު، ގާނާއަށް ދިރިއުޅުއްވުން ވަގުތީ ގޮތުން ބަދަލުކުރައްވައިފިކަން އާއްމުކުރެއްވީ އެ މަނިކުފާނެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސީވީއެފްއަކީ، 2009 ވަނަ އަހަރު ނަޝީދުގެ ވެރިކަމުގައި ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ފޯރަމެކެވެ.

އެ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް ނަޝީދު އެއްބަސްވެވަޑައިގެންފައިވާކަން ވެސް ހާމަކުރެއްވީ، ސިޔާސީ މަސައްކަތާ ދުރަށްޖެހިވަޑައިގެންނެވިކަން އިއުލާންކުރެއްވި ބަޔާނުގައެވެ.

އެ ޖަމާއަތުގެ ވަޒީފާގައި ހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެ ކަމަށާއި މި މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ބަޔާނުގައި ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ނަޝީދު ފުރަތަމަ މަޖިލިސް މެންބަރުކަން ކުރެއްވީ 1999 ވަނަ އަހަރެވެ.

އޭގެ ފަހުން 2005 ގައި ނަޝީދު އެމްޑީޕީ އުފައްދަވައި، އޭގެ ދެ އަހަރު ފަހުން ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގަތެވެ. ނަމަވެސް ދައުރު ނުނިމެނީސް ކޯލިޝަން ރޫޅި، އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ މަނިކުފާނު އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް