ނަޝީދު، ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާއަށް ބަދަލުކުރައްވައިފި

ކުރީގެ ރައީސް ނަޝީދު އަހަރުތަކަކަށް ގާނާއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި-- ފޮޓޯ/ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމަށް ޓަކައި، ގާނާއަށް ދިރިއުޅުއްވުން ވަގުތީ ގޮތުން ބަދަލުކުރައްވައިފިއެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ގާނާގެ ސިޓީއެއްކަމަށްވާ އަކްރާއަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެގައުމުގައި ވާތީ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އެ ފޯރަމްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބި، އެ މަސައްކަތްތައް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޒަމާނީ ޑިމޮކްރަސީ ދިވެހި ރާއްޖެއަށް ގެނެސްދެއްވި ނަޝީދު ވަނީ ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން މިދިޔަ މަހުގެ 12 ވަަނަ ދުވަހު އިއުލާންކުރައްވައިފައެވެ.

https://sun.mv/185985

ސީވީއެފްއަކީ، 2009 ވަނަ އަހަރު ރާއްޖެއާއި އެހެން 11 ގައުމަކުން އުފެއްދި ފޯރަމްއެކެވެ.

އެ ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރުމަށް ނަޝީދު އެއްބަސްވެ ވަޑައިގެންފައިވާކަން ވެސް ހާމަކުރެއްވީ، ސިޔާސީ މަސައްކަތާ ދުރަށްޖެހިވަޑައިގެންނެވިކަން އިއުލާންކުރެއްވި ބަޔާނުގައެވެ. އެ ޖަމާއަތުގެ ވަޒީފާގައިހުރެ، ރާއްޖެއަށް ޚިދުމަތް ކުރެވޭނެ ކަމަށާއި މި މަހު އެ މަގާމުގެ މަސައްކަތްތައް ފައްޓަވާނެ ކަމަށް ނަޝީދު ބަޔާނުގައި ވިދާޅުވިއެވެ.

comment ކޮމެންޓް