ކަނޑުގެ މައްސަލައިގައި ލަފާދިން ޚަބީރުންގެ މައުލޫމާތައި ލިޔުން ހާމަކުރަން އެމްޑީޕީން ގޮވާލައިފި

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއީލް: އެމްޑީޕީން ވަނީ ކަނޑުގެ މައްސަލައިގައި ލަފާދިން ޚަބީރުންގެ މައުލޫމާތައި ލިޔުން ހާމަކުރަން ގޮވާލައިފަ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމާފައިވާ ނިންމުން ބަދަލުކުރުމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާދިން ޚަބީރުންގެ މައުލޫމާތައި އެމީހުން އެކުލަވާލި ލިޔުން ހާމަކުރަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.

ރާއްޖޭގެ ދެކުނުން ފުށުއަރައި ކަނޑުގެ ސަރަހައްދާ ގުޅޭ ގޮތުން މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އެކަމަކު، އޭރުގެ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކޮށްފައިނުވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕާޓީތަކުން ވަރަށް ބޮޑަށް ނުރުހުން އަމާޒުކުރިއެވެ.

އެ މައްސަލަ އިސްތިއުނާފުކޮށް، ގެއްލުނު ކަނޑުގެ ބައި ހޯދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އެ މަސައްކަތުގެ އަދާހަމަ ހިއްސާކޮށް ބަންޑާރަނައިބުގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ކުރީ ސަރުކާރުން އެ މައްސަލައިގައި އަމަލުކުރި ގޮތަށް ފާޑުކިޔައިފައެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، އިޓްލޮސްގައި ރާއްޖެއިން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ސަރުކާރުން ބުނާއިރު، އެފަދައިން ބުނާ ސަބަބެއް ބަންޑާރަނައިބުގެ އޮފީހުން ބުނެދީފައިނުވެއެވެ. އަދި ސަރުކާރަށް ލަފާދިން ޚަބީރުންނަކީ ކޮން ބަޔެއް ކަމާއި އެ މީހުންގެ ތައުލީމާއި ތަޖުރިބާ ސާފުކޮށްދީފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

"އެމީހުން ބުނި އެއްޗެއްވެސް މިހާރުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. ހަމައެކަނި ފެންނަނީ ސިޔާސީގޮތުން ނެރެފައިވާ ދިވެހި ބަހުން އޮތް ނޫސްބަޔާނެކެވެ،" އެމްޑީޕީން ބުންޏެވެ.

"ސަރުކާރަށް ލަފާދިން 'ޚަބީރުން'ގެ މަޢުލޫމާތާއި، އެ ފަރާތްތަކުން ތައްޔާރުކުރި ލިޔުން، އޮތްގޮތަށް، އުނި އިތުރަކާނުލައި، ރައްޔިތުންނަށް ހާމަކުރުމަށް އަޅުގަނޑުމެން ގޮވާލަމެވެ."

ބަންޑާރަނައިބުގެ އޮފީހުން އާންމުކުރި މައުލޫމާތުގައި، ލަފާދިން މީހުންނާ ގުޅޭ ގޮތުން ހިއްސާކޮށްފައިވާ މައުލޫމާތަކީ އެއީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފް ދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ ހަފުތާ 14ގެ ވައުދަކަށްވާއިރު، އެ މައްސަލައާ ގުޅޭ ގޮތުން ނޫސްބަޔާން ނެރުނީ އެ މުއްދަތު ހަމަވި ފަހުންކަން ފާހަގަކޮށްފައެވެ. އަދި އެ މައްސަލަ އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނުކުރެވޭނެކަން ބަޔާނުން ސާފު ނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ތުހުމަތު ކުރި ގޮތުގައި، ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނުކަމަށް ސިފާވާގޮތަށް ދައްކާވާހައަކީ އޮޅުވާލުމެއްކަން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ނޫސް ބަޔާނުން ދޭހަވެއެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރިލް 28ގައި އިޓްލޮސްއިން ކޮށްފައިވާ ހުކުމާ ގުޅޭގޮތުން އެ ދުވަހުން ފެށިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ހުރިކަން ދައްކުވައިދޭ ކަމެއް ސަރުކާރަށް ދެއްކިފައި ނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"ނޫސްބަޔާނުން އެނގޭގޮތުން ކުރެވުނުހާވެސް ކަމަކީ، 'ކަމާބެހޭ ތަޖުރިބާކާރުން' ކަމަށްބުނާ، އެއީ ކޮންބައެއްކަން ނޭނގޭ ބަޔެއްގެ ޤާނޫނީ ލަފާ ހޯދުމެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެ ޕާޓީން ވަނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް)ގެ އާޓިކަލް 296 އަށް ބަލާއިރު، އެ މުޢާހަދާގެ ދަށުން އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކީ މައްސަލައިގައި ހިމެނޭ ގައުމުތަކުގެ މައްޗަށް އަމަލުކުރުން ލާޒިމް ނިހާއީ ނިންމުންތަކެއްކަން ފާހަގަކޮށްފައެވެ. އަދި އިޓްލޮސްއަކީ އަންކްލޮސްގެ ދަށުން އުފައްދާފައިވާ ޓްރައިބިއުނަލަކަށްވާއިރު، އިޓްލޮސްގެ ނިންމުން އިތުރަށް އިސްތިޢުނާފެއް ނުކުރެވޭނެކަމަށާއި، އެ ނިންމުމަށް ދިވެހިރާއްޖެއިން އަމަލުކުރުން ލާޒިމުކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަބަދުވެސް ބުނަމުން ދިޔަ ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

މީގެ އިތުރުން މައްސަލައިގެ ފުރަތަމަ މަރުހަލާތަކުގައި ރައީސް ޞާލިޙްގެ ސަރުކާރުން އަމަލުކުރީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނި ނަމަވެސް، މައްސަލައިގެ ނޯޓިސް ސަރުކާރަށް ލިބުމުން ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމެއް އެކުލަވާލިކަން އެމްޑީޕީން ފާހަގަކުރިއެވެ.

"މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިޓްލޮސްގައި ވާނީ އެންމެ ފުރިހަމައަށް ދިފާއު ހުށަހަޅާފައެވެ." އެމްޑީޕީން ބުންޏެވެ.

އެއާއެކު އެމްޑީޕީން ވަނީ ކުރީ ސަރުކާރުން ލަފާހޯދި ޚަބީރުންގެ ވަނަވަރުގެ ތަފުސީލު ހާމަކޮށް، އެ ޓީމުގައި ހިމެނުނު ފަރާތްތަކަކީ، އެފަދަ ގިނަގުނަ މައްސަލަތަކުގައި ބައިނަލްއަގުވާމީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ގައުމުތައް ތަމްސީލުކޮށް އަދި ލަފާދިނުމުގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ފަރާތްތައް ކަމަށް ބުނެފައެވެ.

ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަހައްދު ފުށުއަރާ 95،563 އަކަ ކިލޯމީޓަރުގެ ސަރަހައްދު ކުރިން ރާއްޖެއިން ބޭނުން ކުރި ނަމަވެސް އެއީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ނޫނެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް އިން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ. އެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާއިރު މޮރީޝަސްއަށް ލިބުނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

comment ކޮމެންޓް