ހަފުތާ 14ގައިވާ ވައުދުތައް ނުފުއްދާކަމަށް ބުނެ ކުއްލި މައްސަލައެއް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމެ: ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ފުއްދިފައިނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި --ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ވައުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ ކަންކަން ފުއްދިފައިވާ ކަމަށް ބުނެ، އާންމުކޮށްފައިވާ މައުލޫމާތަކީ ދެކޮޅު ނުޖެހޭ އޮޅުވާލުންތަކެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ.

އެ މައްސަލައިގައިވަނީ ހަފުތާ 14ގެ ވައުދުތަކާ ގުޅިގެން ރައީސް އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބެލުމުން 56 އިންސައްތަ ކަންކަން ހާސިލުނުވާ ކަމަށާއި، 18.9 އިންސައްތައަކީ ދޮގުކަމަށާއި، އަދި 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހާސިލުވެފައިވަނީ 24.3 އިންސައްތަ މަސައްކަތް ކަމަށް ވަނީ ބުނެފައެވެ.

ކުއްލި މައްސަލައިގައި ވަނީ، އިންޑިއާ ސިފައިން ރާއްޖޭން ބޭލުން ސަރުކާރުގެ އެންމެ މުހިންމު ވައުދުކަމުގައިވީއިރު، އެ ކަމާ ގުޅިގެން ހަމައެކަނި މަތީފަންތީގެ ކޮމިޓީ ބައްދަލުވުންތައް ފެށުމަކީ އެ ވައުދު ފުއްދުންކަމުގައި ނުބެލެވޭނެ ކަމަށެވެ.

"[އިންޑިއާއިން ހަދިޔާކުރި] ހެލިކޮޕްޓަރުތައް ދުއްވާ ފަރާތްތައް ކުލަހެދުމުގައި ތިބޭ ގޮތަށް ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ހާމަކުރުމުން އެނގެނީ، އެއްވެސް އިރެއްގައި ދިވެހިރާއްޖޭގައި ދިވެހީންގެ އިސްތިގުލާލަށާއި މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ހަމަ އެންމެ ހަތިޔާރު އެޅި [އިންޑިއާ] ސިފައިންގެ މީހެއް ވެސް ނެތް ކަމަށް،" ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ގޮތަށް އެހެން ގައުމުތަކާ އެކު އެތައް އެއްބަސްވުމެއް ހަދާފައިވާ ކަމަށް މި ސަރުކާރުން ތުހުމަތު ކުރެއެވެ.

މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި، ސަރުކާރުން ބުނާ ފަދަ ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ގޮތަށް މިދިޔަ ސަރުކާރުން ހަދާފައިވާ އެންމެ އެއްބަސްވުމެއް ވެސް، އަދި އެއިން އެއްބަސްވުމެއްގެ އެންމެ މާއްދާއެއް ވެސް ސަރުކާރަށް ބުނެދެވިފައިނުވުމުން އެއީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާފުވާ ކަމަށް ބުނެފައިވެއެވެ.

އަދި، ރާއްޖޭން ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އިސްތިއުނާފު ކުރާނެ ކަމަށް ބުނެ، ސަރުކާރަށް 100 ދުވަސްވީއިރު ވެސް އެ ކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރެވިފައިނުވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައިވަނީ ރާއްޖޭގެ އިގުތިސާދާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ވެސް ފާހަގަކޮށްފައެވެ.

އެ މައްސަލައިގައި ބުނީ "ނިމިދިޔަ ސަރުކާރުން ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ނަގާފައިވާ ދަރަނިތައް ރީފައިނޭންސް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނި ނަމަވެސް ޑެޓް ރީފައިނޭންސް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވި (ސަރުކާރަށް) 100 ދުވަސް ނުވަނީސް ދައުލަތް ދަރުވާލައި އައިއެމްއެފްގެ ޕެކޭޖަކަށް އެއްބަސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު، އިވެސްޓްމެންޓް ޑިވަލޮޕްމެންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ޕޮލިސީ ފްރޭމްވޯކް އެކުލަވާލަން ރޭވި ނަމަވެސް މިއީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ޕޭޕަ ކޮމްޕެނީއެއްކަން ހާމަވެފައިވާ،" ކަމަށެވެ.

އަދި، އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ވިޔަފާރި ކުރެވޭ ގޮތް ހަދައިދިނުމާ ގުޅޭ ގޮތުން ސަރުކާރުން ވެފައިވާ ވައުދު ފުއްދާފައިނުވާކަން ފާހަގަކޮށް، ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް އަލުން ޑޮލަރު ޖަމާކުރަން ބުނެފައިވީ ނަމަވެސް އެއީ ބޮޑު އޮޅުވާލުމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް މި މައްސަލައިގައި ވަނީ މަަސްވެރިކަމާއި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތަކާއި އަދި އެ ނޫން ވެސް ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމާއި ގުޅިގެން ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދަން ނިންމާފައިވާ ވައުދުތައް އެކަށީގެންވާ ގޮތެއްގައި ފުއްދިފައިނުވާކަމުގެ ކަންބޮޑުވުން ވަރަށް ތަފްުސީލުކޮށް ހިމަނާފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާއަށް ހާޒިރުވެ ތިބި 59 މެންބަރުންގެ ތެރެއިން 43 މެންބަރުން ވަނީ މި މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވާފައެވެ. މައްސަލައާ ދެކޮޅަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ.

އެ ގޮތުން މި މައްސަލައަށް ބަހުސް ކުރުމަށް ފާސްކޮށް މައްސަލައިގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް