އަނބުރާ ފޮނުވާލި، އިންތިޚާބު ފަސްކުރާ ބިލް މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލި، ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މާދަމާގެ މަޖިލީހަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލަ އެޖެންޑާ ކޮށްފައި ވަނީ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައެވެ.

މި ބިލުގެ އިތުރުން މާދަމާގެ އެޖެންޑާގައި، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހަމަދު އަބްދުالله ހުށަހަޅުއްވާފައިވާ އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން ވެސް ހިމަނާފައިވެއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ރޯދަ މަހާ ދިމާވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެހެންވެ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން، އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށެވެ.

އެ އިސްލާހު ގެނެސް، ތަސްދީގުކުރަން ރައީސް އޮފީހަށް ފޮނުވީ މި މަހު 12 ގައެވެ.

އެ އިސްލާހު ތަސްދީގުކުރުން ލަސްވުމުން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށް ރައީސް އެ އިސްލާހު އަނބުރާ ފޮނުވާލެއްވީ އިއްޔެއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެ ބިލު އަނބުރައި ފޮނުއްވައިލެއްވީ، އެ ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށެވެ.

ގާނޫނު އަސާސީގައި ވާގޮތުން، ރައީސް އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަން ވާނެއެވެ.

ނަމަވެސް، އެ ބިލަށް ބަދަލެއް ގެނެސްފި ނަމަ، ކޮމިޓީއަށް ފޮނުވާ ވޯޓަށް އެހުމުގެ މަރުހަލާ ކުރިއަށް ގެންދަން ވާނެއެވެ.

އެ ބިލް ފާސްކުރަން ބޭނުންވަނީ 25 މެންބަރުންގެ ވޯޓެވެ. އަދި ބިލަށް ބަދަލެއް ނުގެންނަ ނަމަ މާދަމާ ވެސް ވޯޓަށް އެހޭނެއެވެ.

މީގެ ކުރިން މި މައްސަލައިގައި ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ރައީސް އެ ބިލް ތަސްދީގު ނުކުރައްވައިފި ނަމަ، ފުރިހަމަ އަގުލަބިއްޔަތާއެކު އަލުން އެ ބިލް ފާސްކޮށް ރައީސަށް ފޮނުވާނެ ކަމަށެވެ.

comment ކޮމެންޓް