އަދުރޭ ނުސީދާކޮށް ޔާމީނަށް: ވަފާތެރިވާނީ ފިކުރަށް، ވަކި ބޭފުޅަކަށް ނޫން

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވިދާޅުވީ ފިކުރު ދޫކޮށްނުލައި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ވަފާތެރިވާން ޖެހޭނީ ވަކި ބޭފުޅަކަށް ނޫން ކަމަށާއި ވަފާތެރިކަމާ އެކު އަބަދު ވެސް ދެމިހުންނެވީ ސިޔާސީ މަސައްކަތް ފެށި ފިކުރުގައި ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނުސީދާ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

ރައީސް އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ށ. މިލަންދުއަށް ވަޑައިގެންފައެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ އިދިކޮޅު ޕާޓީތަކަށް ފާޑު ވިދާޅުވެފައެވެ. އެމްޑީޕީގެ އިސްވެރިންނަށް ފާޑުވިދާޅުވަމުން އޭނާ ވަނީ ގިނަ ދުވަސްތަކެއްވަންދެން އެކުގައި މަސައްކަތްކުރެއްވި ޔާމީނަށް ނިސްބަތްވާ ގޮތަށް ވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފައެވެ.

"އަޅުގަނޑުމެން މި ތިބީ ފިސާރި ސާބިތުކަމާ އެކީގައި ރައީސް މުއިއްޒާ އެކީގައި. އިހުލާސްތެރިކަމާ އެކީގައި،" އަދުރޭ ނުސީދާކޮށް ޔާމީންގެ ޕާޓީ އުފައްދެވުމުގައި އުޅުއްވާ ބޭފުޅުންނަށް ނިސްބަތްކޮށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ވަކި ބޭފުޅެއްގެ ފަހަތަކުން ނުދާނެ. އަޅުގަނޑުމެން ދާނީ ފިކުރުގެ ފަހަތުން،"

އަބްދުއްރަހީމް މިލަންދޫގައި: ވިދާޅުވީ ވަފާތެރިވާންވީ ފިކުރަށް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ވިދާޅުވީ، ވެރިމީހާގެ "ބުރަކައްޓަށް ވަޅިއެއް ނުޖަހާނަން" ކަމަށާއި އެގޮތަށް ކަން ކުރި މީހުން ވެސް ދެކެފިން ކަމަށެވެ. އަދުރޭ ވަނީ ރައްޔިތުން ވެސް ވަކި ބޭފުޅެއްގެ ފަހަތުން ނުދާން އެދިވަޑައިގެން ފިކުރުގެ ފަހަތުގައި މަސައްކަތްކުރަން ގޮވާލައްވައިފައެވެ.

"އަޅުގަނޑުމެން މި ތިބީ ފުރަތަމަ ދުވަހު ނުކުތް ސިޔާސީ ފިކުރާ އެކީގައި އަދިއަދަށް ވެސް. އަޅުގަނޑުމެން ދޫކޮށްފައި ބޭފުޅުން ވަޑައިގަތުން އެއީ އަޅުގަނޑުމެން ކުށްވެރިވާ ކަމެއް ނޫން. އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ކަންބޮޑުވޭ، ދެރަވޭ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަކި ބޭފުޅަކަށްޓަކައި ދުނިޔެ ހުއްޓި ނޯންނާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ވެރިކަން ބަދަލުވާނެ ކަމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ވެރިކަން ކޮށްދެއްވާ ވެރިއެއްގެ ގަދަރާއި އިއްޒަތް ހައްތަހައި ބޮޑުވެ މަތިވެރިވާނެ ކަމަށެވެ. އަދި، ރައްޔިތުންނަށް ދޮގު ހަދައި މަކަރު ހަދައި އޮޅުވާލައި މީހުންގެ ނިކަމެތިކަން އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 1، 2019: އަދުރޭ، ކުރީގެ ރައީސް ޔާމީނާ އެކު: މިއަދު އަދުރޭ ވަނީ ނުސީދާ ގޮތެއްގައި ޔާމީނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، އޭނާ ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދުރޭ ވިދާޅުވީ، މިއަދު ރައްޔިތުން ރައީސް މުއިއްޒު ވެރިކަމަށް ގެނައީ އެމްޑީޕީގެ ސަރުކާރު ކަމުނުގޮސްގެން ކަމަށެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ، ރައްޔިތުންނަށް އެ ސަރުކާރު ކަމުނުދިޔަ ކަމަށެވެ. ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވަނީ ރައީސް މުއިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ.

ނުސީދާ ގޮތެއްގައި އަދުރޭގެ ބަހުގެ ހަމަލާތަކެއް ޔާމީނަށް އަމާޒުކުރެއްވިއިރު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އެއަށް ފަހުގައި އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

މިހާރު ވެސް ޑިސެމްބަރު 25، 2022 ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްނުވެ ހުންނެވި ޔާމީންގެ އަރިސް ބޭފުޅުން އެންމެ ބޮޑަށް ފާޑުވިދާޅުވަނީ އަދުރޭއަށެވެ.

comment ކޮމެންޓް