ޕްރައިމަރީން ބަލިވި ނަބީލް، އަމިއްލަ ގޮތުން ވާދަކުރުމުން ޑެޕިއުޓީ މިނިސްޓަރުކަން ދީފި

ޕީއެންސީގެ އެއްވުމެއްގައި ނަބީލް: އޭނާއަށް ވަނީ ޑެޕިއުޓީ މިނިސްޓަރުކަން ދީފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ވާދަކުރަން ނިންމި ނަބީލް ޒަމީލަށް މި ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުކަން ދީފިއެވެ.

ނަބީލް ވަނީ އުފަން ރަށް، ށ. ފީވައް ހިމެނޭ މިލަންދޫ ދާއިރާއަށް ވާދަކުރަން ޕްރައިމަރީގައި ވާދަކޮށްފައެވެ. އެކަމަކު، ޕީއެންސީގެ ޓިކެޓު ކަށަވަރުކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ. އެހެންވެ، ނަބީލް އަމިއްލަގޮތުން މަޖިލީހަށް ވާދަކުރަން ވެސް ނިންމިއެވެ.

އޭނާ މިއަދު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކޮށްފައިވާ ކަމަށެވެ.

ޕްރައިމަރީން ނާކާމިޔާބުވުމުން ނަބީލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާ އެކު މަޖިލީހަށް ކުރިމަތިލާން ނިންމައިފައެވެ. އަމިއްލަ ގޮތުން ވާދަކުރަން އޭނާގެ ކެންޑިޑެސީ ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއެވެ.

އެކަމަކު، އޭގެ ފަހުން މި މަހު 19 ގައި މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އަމިއްލަ ގޮތުން ވާދަކޮށްފި ނަމަ ވޯޓުތައް ބައިބައިވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިދާނެ ކަމަށެވެ. އެހެންވެ، ސަރުކާރުގެ ކެންޑިޑޭޓު ހަސަން މުފީދަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ.

ނަބީލަކީ ޕީޕީއެމް/ޕީއެންސީގެ މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ.

އޭނާ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކޮށްފައިވާއިރު، މި މަހު ކުރީކޮޅު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިސްތިސްނާ ހާލަތެއްގައި ނޫނީ ދެން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގައި މިހާރު ވެސް އެހެން ސަރުކާރުތަކަށް ވުރެ މާ ގިނަ އަދަދަކަށް ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުން އެބަ ތިއްބެވެ.

comment ކޮމެންޓް