އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސުރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރެއިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ-16" ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާފައިވާއިރު، ޖަލްސާ ޝަރަފުކޮށްދެއްވީ ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސުރީލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ކަޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމުގެ ކޯސްޓްގާޑުން ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަޤްސަދުގައި ބޭއްވޭ ހަރަކާތެއް ކަމަށެވެ.
މި އެކްސަސައިޒް ބޭއްވުމަށް ހަމަޖެހިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ.
ތިން ގައުމުން ގުޅިގެން ހިންގާ "އެކްސަސައިޒް ދޯސްތީ 16" ގައި، މެރިޓައިމް އިންޓާޑިކްޝަންސް އޮޕަރޭޝަންސް، ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝާންތަކާއި، މެރިޓައިމް ސާވެލޭންސް އަދި ކޮމިއުނިކޭޝަން ޑުރިލްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މިއާއެކު މި ތަމްރީނުތަކުގެ ސަބަބުން އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ހިންގުމަށް ހަމަޖެހިފައިވަނީ މާލެއާއި މާލެ ކައިރީގެ ކަޑުގެ ސަރަހައްދުގައެވެ.
އެކްސަސައިޒް "ދޯސްތީ" ގެ ތަމްރީނުތައް ސިިލްސިލާގޮތެއްގައި ކުރިއަށްގެންދާތާ 30 އަހަަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ހަރަކާތަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އަދި މި ހަރަކާތުގެ އޮބްޒާވަރެއްގެ ގޮތުގައި މި އަހަރު ބަންގްލަދޭޝްގެ ކޯސްޓްގާޑުން ވެސް ބައިވެރިވާނެކަމަށް އެމްއެންޑީއެފް ބުނެއެވެ.
ރޭ ބޭއްވި "ޓްރައިލެޓަރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ- 16" ފެށުމުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެޑިޝަނަލް ޑައިރެކްޓާ ޖެނެރަލް އޮފް އިންޑިއަން ކޯސްޓްގާޑްގެ އިތުރުން އެޑިޝަނަލް ޑައިރެކްޓާ ޖެނެރަލް ޕަރަމޭޝް އަދި ރާއްޖޭގައި ތިއްބެވި ބައެއް ބޭރު ޤައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.