ކޮލްކަތާ ރޭޕް ކޭސް: ތުހުމަތުވާ މީހާ ދައުވާއަށް އިންކާރުކޮށްފި

އިންޑިއާގެ ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ތުހުމަތުވާ ސަންޖޭ ރޯއީ. އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފައި. ފޮޓޯ/ޓެލްގްރާފް އިންޑިއާ

އިންޑިއާގައި އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދައުވާއަށް އިންކާރުކޮށްފިއެވެ.

އިންޑިއާގެ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ، އާރް ޖޭ ކާރު މެޑިކަލް ހޮސްޕިޓަލުން މިދިޔަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެ ޑޮކްޓަރުގެ ހަށިގަނޑު ފެނުމުން އެކަމާ ދެކޮޅަށް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފައެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ހަމައެކަނި މީހާ ކަމަށްވާ 33 އަހަރުގެ ސަންޖޯއީ ރޯއި ވަނީ ހުކުރު ދުވަހު ކޮލްކަތާގެ ކޯޓެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ކުށް ކުރި ކަމަށް އިންކާރު ކޮށްފައި ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

"އަހަރެންނަކީ ކުށްވެރިއެއް ނޫން. އަހަރެން ވަނީ ފްރޭމް ކޮށްފައި،" ރޯއީ ބުނި ކަމަށް އޭނާގެ ވަކީލް ސައުރަވް ބަނޑޮޕަޔޭ ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގެ ސިވިކް ވޮލަންޓިއަރެއް ކަމަށްވާ ރޯއީ ހައްޔަރުކުރީ ޑޮކްޓަރު މަރާލާފައި އޮއްވާ ފެނުނުތާ އެއް ދުވަސް ފަހުންނެވެ. އޭގެފަހުން އޭނާ އަދިވެސް ހުރީ ބަންދުގައެވެ. ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ.

ކޯޓުގައި އަޑުއެހުންތައް ފެށީ ނޮވެމްބަރު 11 ވަނަ ދުވަހެވެ. ގާތްގަނޑަކަށް 50 ވަރަކަށް ހެކިންގެ ހެކިބަސް އަޑުއަހާފައި އޮތް ނަމަވެސް ރޯއީ ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ މިދިޔަ ހުކުރު ދުވަހެވެ.

ވަކީލް ވިދާޅުވީ ފަނޑިޔާރު އަނިރްބާން ދާސް 100 އަށް ވުރެ ގިނަ ސުވާލު ކުރެއްވި ކަމަށާއި ހަ ގަޑިއިރަށް ޝަރީއަތުގެ މަޖިލިސް ދިގު ދެމިގެން ދިޔަ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހެވެ.

އެ އަނިޔާވެރި އަމަލާ ގުޅިގެން ކޮލްކަތާގެ ޑޮކްޓަރުން ވަނީ އެތައް ދުވަހެއް ވަންދެން ހަޅުތާލުކޮށްފައެވެ.

comment ކޮމެންޓް