މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޣައްސާން ހާޒިރުކުރި ކޮމިޓީ ސިއްރު

ޑިފެންސް މިނިސްޓަރު ޣައްސާން: އޭނާ ވަނީ މަޖިލީހަށް ހާޒިރުކޮށްފައި -- ފޮޓޯ/ މަޖިލިސް

ހަތިޔާރާ އެކު ބޭރު ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ރާއްޖޭގެ މަސްއޮޑިތަކަށް އަރާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މިއަދު 241 ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގެ ކަނޑުގެ އިމުގެ ކައިރީގައި ބޭރުގެ ޖާސޫސީ އުޅަނދުފަހަރުން ހަރަކާތްތެރިވަމުންދާ ކަމަށް މީޑިއާތަކުން މައުލޫމާތު ހިއްސާ ކުރުމާ ގުޅިގެން، އެ މައްސަލައިގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ސުވާލު ކުރުމެވެ.

ކޮމިޓީ ބައްދަލުވުން ފައްޓަވައި ވާހަކަފުޅު ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު، އަބްދުލްގަފޫރު މޫސާ ވިދާޅުވީ މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއަކީ ސިއްރު ލިޔެކިޔުމެއް ކަމަށެވެ.

މި ކަމާ ގުޅިގެން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ މެދުގައި ނެގުނު ވޯޓުން ފާސްކުރީ ކޮމިޓީ ބަައްދަލުވުން ސިއްރު ކުރުމަށެވެ.

ޖެނުއަރީ 31ގައި ދިއްދޫގެ އިތުއުތުރަށް 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ "އަސުރުމާ 3"އަށް އިންޑިއާ ސިފައިން ހަތިޔާރާ އެކު އެރިއެވެ. މީގެ ފަހުން އަދި އިތުރު ދެ މަސްއޮޑިއަކަށް ވެސް ހަތިޔާރާ އެކު އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވިއެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން ބުނެފައިވަނީ އިންޑިއާ ކަނޑުގެ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަރާފައުވަނީ ބައިނަލްއަގްވާމީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. މި މައްސަލައިގައި އިންޑިއާ ސަރުކާރުން ޖަވާބުދާރީވުމަށް ދިވެހި ސަރުކާރުން އެދިފައިވީ ނަމަވެސް، އަދި މިހާތަނަށް އިންޑިއާ ސަރުކާރުން އެއްޗެއް ބުނެފައެއް ނެތެވެ.

އިންޑިއާ ސިފައިން ދިވެހި މަސް ދޯންޏަކަށް އެރި ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހުން ތިބީ ހަތިޔާރާ ވެސް އެކުގައެވެ.

comment ކޮމެންޓް