ތިނަދޫ ސިޓީ އުފެއްދުން އާދަމް ޝަރީފް ސިފަކުރެއްވީ ދުވަސްނުފުރާ ކުއްޖެއް ވިހެއުމުގެ ގޮތުގައި

މިނިސްޓަރު އާދަމް ޝަރީފް އުމަރު: އޭނާ ވިދާޅުވީ ތިނަދޫ ސިޓީ ހަގީގީ މާނައިގައި ސިޓީއަކަށް ހެދުމުގެ ހުރިހާ ކްރެޑިޓެއް ދޭން ޖެހޭނީ ރައީސަށް ކަމަށް -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ތިނަދޫ ސިޓީ އުފެދިގެން އައީ، ދުވަސް ނުފުރާ ވިހެއި ކުއްޖެއް ގޮތަށް ކަމަށް ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ސިފަކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެކުނުގެ އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަރީފް، ތިނަދޫގައި އޮތް ޖަލްސާގައި ވިދާޅުވީ ދުވަސް ނުފުރައި ސިޓީއެއް އުފެއްދުމުން، ކައުންސިލްގެ ރައީސު ކަމުން މޭޔަރަށް ވެވަޑައިގެންނެވި ސައުދު އަލީ ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

އެ މަސައްކަތްތަކާ ގުޅޭ ގޮތުން ސައުދާ ވާހަކަ ދެއްކެވިއިރު، އޭނާގެ ހިތުގައި ތިނަދުއަށް އޮތް ލޯތްބާއި އިހުތިރާމާއި ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ސައުދުގެ ސާބިތުކަން ހުރި މިންވަރު ފާހަގަކުރެވުނު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ހަގީގަތަށް ދަންނަވާނަމަ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އަޅުގަނޑަށް މިކަން ކުރަން މި ސިޓީ ސިޓީއެއްގެ ގޮތުގައި ގެނައުމަށް ޓަކައި، ވެންޓިލޭޓަރަށް ލައިގެން ވެސް، މި ގެންގުޅުނު ދުވަސްތަކުގައި މިހާ ފަސޭހަވީ ސައުދުގެ ހޭހަންކުރުން ހަމަ ރަނގަޅުވީތީ،" އޭނާ ވިދާޅުވިއެވެ.

އެކަމަށް ޓަކައި ސައުދަށް ޝުކުރު އަދާކުރެއްވުމަށް ފަހު އާދަމް ޝަރީފް ވިދާޅުވީ، ތިނަދުއަށް ސިޓީއެއްގެ ތަސައްވުރު އެންމެ ފުރަތަމަ ހުށަހެޅުއްވީ ރައީސް މުއިއްޒު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެ ތަސްވުރާ އެކުގައި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ގޮތަށް އެކަން ކުރަން އުޅުއްވަނިކޮށް ނުބައިކޮޅަކުން ޖަހާފައި މި ސިޓީ އުފަންކުރުވީ. އެހެންވީމަ ކުޑަކޮށް އުނދަގޫ ވެެގެން މި އުޅުނީ،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ވެރިކަމުގައި ތިނަދުއިން މުޅި ރާއްޖެ ފަޚުރުވެރިވާ ވަރުގެ ތަރައްގީ އާއި ކުރިއެރުން ފެންނާނެ ކަމަށެވެ. އަދި ތަރައްގީއާއި ކުރިއެރުން އެންމެ ރަނގަޅަށް ފެންނަ އެއް ތަނަށް ތިނަދޫ ސިޓީ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް ބާރުވެރިކޮށް، އެ ނިޒާމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އާދަމް ޝަރީފް ދެއްވިއެވެ.

"މިރޭ ވެސް އަޅުގަނޑު ދަންނަވަން ބޭނުން، މި ސިޓީ ހަގީގީ މާނައިގައި ސިޓީއަކަށް ހެދުމުގެ ހުރިހާ ކްރެޑިޓެއް ތިބޭފުޅުން ދެއްވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް،" އޭނާ ވިދާޅުވިއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ނިންމެވީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަކު، ގާނޫނު އޮތް ގޮތުން އެ ސިޓީގައި މިހާތަނަށް ވެސް އޮތީ ރަށު ކައުންސިލެކެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމީ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ފަހު، ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ. އެ ކަންކުރުން ލަސްވެގެން އާދަމް ޝަރީފް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

https://sun.mv/188405

އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާއަށް އިސްލާހެއް ގެނައުމުގެ ބިލު މިމަހުގެ ހަތެއްގައި ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގެންފައެވެ.

comment ކޮމެންޓް