ބޭރުގެ ދަރަނި 120 ބިލިއަނަށް އަރާކަމަށް ރައީސް ވިދާޅުވި ވާހަކަ އަމީރު ދޮގުކުރައްވައިފި

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ދައުލަތުގެ ބޭރުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން، ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދޮގުކުރައްވައިފިއެވެ.

ދެކުނުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޭރުގެ ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ ވާރުތަވެފައި ވާކަމަށެވެ.

"އަދި އެތެރޭގެ ކުންފުނިތަކުން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުހިމަނާ އެއީ. ކުންފުނިތަކުން އެކިކަހަލަ މަސައްކަތް އެހެން މީހުން ލައްވާ ކުރުވާފަ، އާންމު ރައްޔިތުންގެ ކުދިކުދި ވިޔަފާރިތަކަށް ބިލްކޮށްފައި ހުރި އެތައް ބިލިއަން ރުފިޔާއެއް (އެބަހުރި)،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ނުދައްކާ ހުރި ފައިސާގެ އަދަދު ނުވަ ބިލިއަނަށް އަރާކަމަށެވެ.

ރައީސްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބޭރުގެ ދަރަނީގެ ޖުމްލައަކީ 51.1 ބިލިއަން ރުފިޔާކަމަށެވެ.

"މި 51 ބިލިއަން އަކީ ސީދާ ދައުލަތުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ 37.3 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުން ސޮވްރިން ގެރެންޓީދީގެން ނަގާފައިވާ 13.7 ބިލިއަން ރުފިޔާ ހިމެނޭހެން ޖުމްލަ އަދަދެވެ،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ 2018 ވަނަ އަހަރު ސަރުކާރު ބަދަލުވިއިރުވެސް އެތައް ބިލިއަން ރުފިޔާގެ ބިލެއް ނުދައްކާ ހުރ ކަމަށާއި އޭރު ކޮންމެ މިނިސްޓްރީއަކުން އެ ވާހަކަ ދައްކައި ނަހަދާ ކަމަށެވެ.

"ތިޔަށްވުރެ ޒިންމާދާރުވާންޖެހޭ،" އަމީރު ވިދާޅުވިއެވެ.

އެއާއެކު އަމީރު ވަނީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބު ހިއްސާކުރައްވާފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދަރަނި 120 ބިލިއަނަށް އަރަނީ، ބޭރާއި އެތެރޭގެ ދަރަނި އެއްކުރުމުންނެވެ.

ދަރަނި ނުދެއްކި، ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑު ވެސް މި ދުވަސްވަރު ވަނީ ގަދަވެފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވާ މިއަދު ރައީސް ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވާކަމަށް ބުނެ ފަތުރަމުން އަންނަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި ދަރަނިތައް ދައްކަމުން ދާކަމަށެވެ.

https://sun.mv/188893

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން އަންނަނީ ޑިފޯލްޓުނުވެ، ދަރަނި ދައްކައި، ރައްޔިތުންނަށް މުސާރަ ވެސް ދެމުން ކަމަށެވެ. އަދި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ވެސް ފުއްދައިދެމުން ކަމަށެވެ.

comment ކޮމެންޓް