އިންތިޚާބަކައިނުލާ އެމްޑީޕީގެ ރައީސްކަން ޝާހިދަށް ލިބިއްޖެ

އެމްޑީޕީގެ ރައީސްކަމަށް ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓު އަބްދުﷲ ޝާހިދު -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ރައީސްކަމަށް ވާދަކުރަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކަމަށްވުމުން އޭނާއަށް އެ ޕާޓީގެ ރައީސްކަން ލިބިއްޖެއެވެ.

ރާއްޖޭގައި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން ބާރު ހިންގެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޫން 21، 2023 ގައި އެމްޑީޕީން އިސްތިއުފާދެއްވައިފައެވެ. އޭގެ ފަހުން، އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ރައީސަކު އިންތިޚާބު ކުރެވެންދެން ވަގުތީ ރައީސެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހަމަޖައްސައިފައެވެ.

އެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު މިއަދު 2:00 އަށް ހަމަވީއިރު، ޕާޓީގެ ރައީސްކަމަށް ކުރިމަތިލެއްވީ ޝާހިދު އެކަންޏެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ޕާޓީގެ ރައީސްކަމަށް އެންމެ ބޭފުޅަކު ކުރިމަތިލައިފި ނަމަ، ވަގުތުން އެ މީހަކަށް ޕާޓީގެ ރައީސްކަން ލިބޭނެއެވެ. އެހެންވެ، ޕާޓީގެ އާ ރައީސަކަށް ޝާހިދު ހޮވިފައިވާކަން އެމްޑީޕީން ވަނީ އިއުލާނުކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގައި ޝާހިދު: އޭނާއަށް ވަނީ އެމްޑީޕީގެ ރައީސްކަން ލިބިފައި -- ސަން ފޮޓޯ/ އިބްރާހިމް ޝަމްވީލް

މިދިޔަ ފަސް އަހަރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު އެމްޑީޕީގެ ރައީސްކަމަށް ނުރަސްމީ ސިފައެއްގައި ކެމްޕޭން ކުރައްވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އޭނާ ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގައި މިހާރު ޚިދުމަތްކުރައްވާފައިވާ ޝާހިދު، އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީންނެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު ފަހުންނެވެ.

https://sun.mv/187037

ކުރިން 2003 ގައި ނުރަސްމީކޮށް އުފައްދައި 2005 ވަނަ އަހަރު އުފެދުނު އާ ގާނޫނު އަސާސީއާ އެކު ރަޖިސްޓްރީކުރި އެމްޑީޕީގެ ފުރަތަމަ ރައީސަކަށް ހުންނެވީ އިބްރާހިމް އިސްމާއިލް (އިބުރާ)އެވެ. އޭގެ ފަހުން، ކުރީގެ ބަންޑާރަނައިބު މުހައްމަދު މުނައްވަރާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ޑީޑީ ވެސް އެމްޑީޕީގެ ރައީސްކަން ކުރެއްވިއެވެ.

އެންމެ ގިނަ ދުވަހު އެމްޑީޕީގެ ރައީސްކަން ކުރެއްވީ މި ފަހުން އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޞާލިޙާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު، ނަޝީދު ވަނީ އެމްޑީޕީން ވަކިވެ، އަމިއްލަފުޅު ޕާޓީއެއް އުފައްދަވައިފައެވެ.

comment ކޮމެންޓް