ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ކެމްޕޭން ކުރަނީ

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ

ނިމުނު ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމްޑީޕީގެ ރައީސްކަމަށް ނުރަސްމީކޮށް ކެމްޕޭން ފަށައިފިކަން އެނގިއްޖެއެވެ.

އެމްޑީޕީގައި އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، އެ ޕާޓީގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން އިސްތިއުފާދެއްވި ފަހުން އެ މަގާމަށް ބޭފުޅަކު އިންތިޚާބުކޮށްފައެއް ނުވެއެވެ.

އެކަމަކު، މިދިޔަ ނޮވެމްބަރު 23 ގައި އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީސް ބައްދަލުވުމެއްގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެމްޑީޕީގެ ވަގުތީ ރައީސްކަން ދޭން ނިންމައިފައެވެ.

އެމްޑީޕީއަށް ނިސްބަތްވާ އެކަކަށް ވުރެ ގިނަ ރައްޔިތުންގެ މަޖިލީސް މެންބަރުން މިއަދު "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ޝާހިދު ގެންދަވަނީ އެމްޑީޕީގެ ރައީސްކަމަށް ނުރަސްމީކޮށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން، އެ ޕާޓީގެ ބައެއް އާންމު މެންބަރުންނަށް ގުޅައި ޝާހިދަށް ކެމްޕޭން ކުރައްވަމުން އަންނަކަން ވެސް ވަނީ ކަށަވަރުވެފައެވެ.

އެކަމަކު، އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާކަން ޝާހިދު، މިހާތަނަށް އިއުލާނުކުރައްވައިފައެއް ނުވެއެވެ.

އެމްޑީޕީގެ ވަގުތީ ރައީސެއްގެ ގޮތުގައި ހުންނެވި ޞާލިޙް ވެސް މިހާތަނަށް އެ ޕާޓީގެ ރައީސަކަށް ވާދަކުރައްވާނެކަން ނުވަތަ ނޫންކަމެއް ހާމަކުރައްވައިފައެއް ނުވެއެވެ.

މީގެ ކުރިން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ ރައީސަކު އިންތިޚާބު ކުރާނެ ދުވަހެއް އަދިވެސް ނިންމާފައިނުވާ ކަމަށެވެ. މި ވަގުތު، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ވެސް އެއްވެސް ބޭފުޅަކު ނެތެވެ.

ކުރިން އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒު ވެސް ވަނީ ނަޝީދާ އެކު، އެމްޑީޕީން ވަކިވެފައެވެ. އޭގެ ފަހުން، އެ ޕާޓީއަށް ނައިބު ރައީސަކު ވެސް އިންތިޚާބުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް