ކުންފުނިތައް ބަނގުރޫޓުވަނީ ނާގާބިލު މީހުން ލާތީ: ސިޔާމް

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވިދާޅުވީ، ކުންފުނިތަކަށް ގާބިލު މީހުން ނުލާނަމަ ބަނގުރޫޓުވާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވަނީ، ނާގާބީލު ބޭބޭފުޅުން އެ ކުންފުނިތަކުގެ ވެރިންނަށް އައްޔަންކުރާތީ ކަމަށް އެމްޑީއޭގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. މަސްވެރިންނަށް ނުދެވި 280 މިލިއަނެއްހާ ރުފިޔާ އެބައޮތް ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ޖަލްސާގައި ވާހަކަދައްކަވަމުން މިއަދު މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވީ، ވިޔަފާރިކުރަން ނޭނގޭ ބަޔަކު ކުންފުނިތަކަށް އައްޔަންކުރުމުގެ ނަތީޖާއަކަށް ވަނީ ކުންފުނިތައް ބަނގުރޫޓުވުން ކަމަށެވެ.

ދިވެހި މަހަކީ ބޭރުގެ ބާޒާރުތަކުގައި ވިއްކޭނެ އަގުހުރި އެއްޗެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ބޭނުންވަނީ ކުންފުނި ހިންގާނެ ހަރުދަނާ ޕްލޭނެއް ކަމަށެވެ.

"ވިޔަފާރިކުރަން ނޭނގޭ ބަޔަކު އެ ކުންފުންޏަކަށް ލައިގެން އެ ކުންފުނީގައި މަސައްކަތް ކުރީމާ ދެން ވާނެ ގޮތަކީ ކުންފުނި ބަނގުރޫޓުވާނީ،" ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މަހުގެ ބާޒާރު ލިބޭނެ. މަހުގެ ބާޒާރު ލިބޭނެ ގޮތްތައް ވެސް އެބައޮތް. އެކަމަކު، މަހުގެ ފިޝަރީޒް ކުންފުނީގައި ނުވަތަ މިފްކޯ ކުންފުނީގައި ހިންގަން އުޅޭ މީހުންނަކީ ވިޔަފާރީގެ ތަޖުރީބާ ހުރި ބަޔަކަށް ވާންޖެހޭ،"

އެމްޑީއޭގެ ރައީސް އަދި. ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަނީ -- ފޮޓޯ/ މަޖިލިސް

އެ މަނިކުފާނު ވިދާޅުވީ، މިހާރު ކުރަން އޮތް އެންމެ މުހިއްމު ކަމަކީ ބާނާ ހުރިހާ މަހެއް ކިރޭނެ ނިޒާމެއް ހޯދުން ކަމަށެވެ. ޒަމާނުއްސުރެ އޮތް "ބާނާ މަސްކޮޅު، ނުކިރުމުގެ" މައްސަލައަށް ހައްލު ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ޓޫނާ މަސްވެރިކަމަކީ ހަ މަހުގެ މަސްވެރިކަމެއް"ކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ބާކީ ހަ މަސް ދުވަހަށް ބޭނުންވާ މިންވަރަށް މަސް ނުގަނެވޭ ނަމަ، ކުންފުނީގެ ހަރަދުތަކާއި ކަންތައްތައް ދެކޮޅު ނުޖެއްސޭނެ ކަމަށެވެ.

"މަސްވެރިންނަކަށް ފައިސާއެއް ނުލިބޭ. މިފްކޯއަކަށް ވެސް ލިބޭނެ ފައިސާއެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ތައުލީމެއް ހޯދާފައި، ޑިގުރީއެއް އޮތަކަސް ކަންތައްތަކެއް ނުވާނެ. ތަޖުރިބާގެ އަލީގައި ކަންތައްތައް ވާނީ. އިހުލާސްތެރި މީހުންނަށް ކަންތައްތައްް ވާނީ ވެސް،"

ސިޔާމް ވަނީ ވަކި މީހަކު ގޯސްކުރުމުގެ ބަދަލުގައި ކުންފުނިތަކަށް ގާބިލު ބޭބޭފުޅުން އައްޔަންކުރައްވަން ގޮވާލައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކުންފުނިތައް ބަނގުރޫޓުވަނީ ނާގާބިލު ބޭބޭފުޅުން މަގާމުތަކަށް އައްޔަންކުރާތީ ކަމަށެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން މިފްކޯއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އޭނާ ވިދާޅުވީ، މި ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށް ދައްކުރުމުން ވެސް އަދިވެސް މިފްކޯއަށް މަސް ގަންނަނީ ހަ ރުފިޔާގެ ގެއްލުމުގައި ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް އާމްދަނީގެ ގޮތުގައި މިފްކޯއަށް ވަނީ 395 މިލިއަން ރުފިޔާ ލިބިފައެވެ. އެކަމަކު، މަސްވެރިންނަށް ޖުމުލަ 435 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި އަންނަ ހަފުތާގައި އިތުރު 100 މިލިއަން ރުފިޔާއާ އެކު މާޗު ފަސްވަނަ ދުވަހުގެ ކުރިން މިހާރު ނުދައްކައި އޮތް 280 މިލިއަން ދައްކައި ހަލާސްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ސިޔާސީ މަގުސަދުތަކެއްގައި މިފްކޯ ބޭނުންކުރި ކަމަށް ތުހުމަތުކުރައްވައި ވަޒީރު ވިދާޅުވީ، މި ސަރުކާރުން ކުންފުންޏަށް ގެންނަ ބަދަލުތަކާ އެކު މަސްވެރިކަމަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

comment ކޮމެންޓް